އިސްރާއީލުގެ ވަޒަންވެރިކަމުގެ އެޖެންޑާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަން: ރައީސް

އިސްރާއިލުގެ އިސްތިއުމާރީ ސަރުކާރުން "ވިޒަން އޮފް ގްރޭޓާ އިސްރާއީލް" ގެ ނަމުގައި އިއުލާނުކުރި އިސްރާއީލުގެ ވަޒަންވެރިކަމުގެ އަދި އާބާދީ އިތުރުކުރުމުގެ އެޖެންޑާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރައްވައިފިއެވެ.
ރައީސް މިކަން ހާމަކުރެއްވީ އެ މަނިކުފާނު ސޯޝަލްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
މި ޕޯސްޓުގައި ރައީސް ފާހަގަކުރެއްވި ގޮތުގައި، "މިފަދަ ތާކުންތާކު ނުޖެހޭ ބަޔާންތައް ނެރުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު އަމަލެއް" ކަމަށެވެ.
އަދި ހަމައެއާއެކު، މިއީ ފަލަސްތީނުގެ ރައްޔިތުންނަށް އޮތް "ރައިޓް ޓު ސެލްފް-ޑިޓަރމިނޭޝަން" އަށް އަރައިގަތުމުގެ އަމަލެއްކަން ފާހަގަކުރައްވައި، މިނިވަންކަމާއެކު ސިޔާސީ ދަރަޖަ ދެނެގަނެ، އިގްތިސާދީ، އިޖްތިމާއީ އަދި ސަގާފީ ކުރިއެރުމަށް މަސައްކަތްކުރުމުގެ ހައްގަށް ހުރަސްއެޅޭ ކަމެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް މުއިއްޒު ވަނީ ބައިނަލްއަގުވާމީ މުޖުތަމައު ގުޅިގެން ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށްދިނުމަށް ގޮވާލައްވާފައެވެ. އަދި އިތުރުވަމުންދާ ހަމަނުޖެހުންތަކުގެ ތެރޭގައި، ފަލަސްތީނު ރައްޔިތުން ތަހަންމަލު ކުރަމުންދާ ދަތި ހާލަތުން މިންޖުކުރުމަށް އަވަސް މަސައްކަތްތަކެއް ކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
ފަލަސްޠީނުގެ ރައްޔިތުންނާއެކު ރާއްޖެއިން އަބަދުވެސް ދެމިހުންނާނެކަމުގެ ޔަގީންކަން ދެއްވަމުން، ފަލަސްތީނަށް އިންސާފުވެރި، ފުޅާ އަދި ދާއިމީ ސުލްހައާއި ހަމަޖެހުމަށް އެދި މަސައްކަތްކުރުމުގައި ރާއްޖެއިން ދެމިއޮންނާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ އާކޮށްދެއްވާފައެވެ.
ރިއެކްޓް



