ސިޔާސީ , ޚަބަރު

އެމްޑީޕީއަށް ލިބޭހާ ފައިސާ ރިޔާސީ އިންތިޚާބުގެ ދަރަނިތައް ދެއްކުމަށް

ޖުލައި 31, 2025 - 12:32
 0
އެމްޑީޕީއަށް ލިބޭހާ ފައިސާ ރިޔާސީ އިންތިޚާބުގެ ދަރަނިތައް ދެއްކުމަށް
އާޓްވޯކް - ވިރާސީ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ލިބޭ ހުރިހާ ފައިސާއެއް މިދިޔަ ރިޔާސީ އިންތިޚާބުގެ ދަރަނިތައް ދެެއްކުމަށް ހޭދަކުރާކަން ހާމަވެއްޖެއެވެ.

މި ވާހަކަތައް މީޑިއާއަށް ތިލަވީ މިދިޔަ އަންގާރަ ދުވަހު ސިވިލްކޯޓުން އެމްޑީޕީއާއި ދެކޮޅާށް ނިންމި މައްސަލައަކާއި ގުޅިގެންނެވެ. ސިވިލްކޯޓުން ނިންމީ އެމްޑީޕީން ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ފަހުން ފައިސާ ދައްކާގޮތަށް ކޮށްފައިވާ ފްލައިޓް ދަތުރުތަކަށް އައިލެންޑް އޭވިއޭޝަނަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން ބާކީ ނުދައްކާ ހުރި 3.6 މިލިއަން ރުފިޔާ އެއް މަސް ދުވަހުގެ ތެރޭގައި ދައްކާ ޚަލާސްކުރުމަށެވެ.

ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވާ ގޮތުގައި، ދައްކަންޖެހޭ 5.6 މިލިއަން ރުފިޔާގެ ތެރެއިން އެމްޑީޕީން މިހާތަނަށް ދައްކާފައިވަނީ ދެ މިލިއަން ރުފިޔާއެވެ.

އެމްޑީޕީން ކޯޓުގައި ބުނެފައިވަނީ އެ ފައިސާ ދެއްކުން ލަސްވެފައި ވަނީ ދައުލަތުން ޕާޓީތަކަށް ދޭ ފައިސާ އެޕާޓިއަށް ލިބުން ލަސްވެފައިވާތީއެވެ. އެގޮތުން އަދި މިހާތަނަށް ލިބިފައިވަނީ އެޕާޓީއަށް ކަނޑައަޅާފައިވާ މިންވަރުގެ ދެބައިކުޅަ އެއްބައި ކަމަށް އެޕާޓީގެ އޮފީހުން މަޢުލޫމާތުދެއެވެ.

ރިޔާސީ އިންތިޚާބުގެ ޚަރަދުތައް ޕާޓީ އޮފީހަކަށް ނޭނގޭ؟

ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހިމް މުޙައްމަދު ސާލިހުގެ ކެމްޕޭން މެނޭޖަރެއްގެ ހައިސިއްޔަތުން ބަލަހައްޓާފައިވަނީ ރައީސް އިބޫގެ ޅިޔަނު، އަދި ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ.

ރިޔާސީ ކެމްޕޭނުގައި 5.6 މިލިއަން ރުފިޔާގެ ދަތުރުތައް މޯލްޑިވިއަން މެދުވެރިކޮށް ޕާޓީއަށް ބިލްކުރާ ގޮތަށް ކޮށްފައިވާކަން އެމްޑީޕީގެ ސެކްރެޓޭރިއަޓް އަށް ނޭނގެއެވެ. އެމްޑީޕީ ސެކްރެޓޭރިއަޓް އަށް މިކަން އެނގުނީ 2024 ވަނަ އަހަރު އައިލެންޑް އޭވިއޭޝަނުން އެމްޑީޕީއަށް މިކަމާއި ގުޅިގެން ސިޓީއެއް ފޮނުވުމާ ގުޅިގެންނެވެ.

"މި ފައިސާ ދައްކަން ޖެހިފަ ހުރިކަން ފުރަތަމަ އެނގުނީވެސް 2024 ވަނަ އަހަރު ބިލްތަކާއެކު ސިޓީ ލިބުމުން.." ކަން ހިނގައި ދިޔަ ގޮތް ސާފުކޮށްދެމުން އެމްޑީޕީގެ އިސް އޮފިޝަލަކު ވިދާޅުވިއެވެ.

މިކަން މިގޮތަށް ހިނގާފައި ވުމުން އުފެދޭ ސުވާލުތައް ވަރަށް ގިނައެވެ. ޕާޓީއަށް ނޭނގި މިފަދަ ޚަރަދުތައް ކުރެވުނީ ކިހިނަކުން ހެއްޔެވެ؟ އަދި އެމްޑީޕީން މިޚަރަދުތަކަށް ހުއްދަދިނީ ކާކުބާއެވެ؟ ޕާޓީގެ އޮފީހަށް ނޭނގި ކޮށްފައިވާ ޚަރަދަކަށް ހުއްދަދިން މީހަކު ހޯދަން ޚުދު އެމްޑީޕީގެ ސެކްރެޓޭރިއަޓް އިންވެސް ބޭނުންވާނެކަން ޔަޤީނެވެ.

ޕާޓީ ހިންގަން ދޭ ފައިސާ ޚަރަދުވަނީ ކުރީގެ ރިޔާސީ އިންތިޚާބުގެ ދަރަނި ދެއްކުމަށް

ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް މިއަހަރު ދޭން ނިންމާފައިވާ 27،981،256ރ. ގެ ތެރެއިން އެމްޑީޕީއަށް ދޫކުރަން ނިންމާފައިވަނީ 8.4 މިލިއަން ރުފިޔާއެވެ. އެމްޑީޕީން ބުނާ ގޮތުގައި އެޕާޓީއަށް މިހާތަނަށް ލިބިފައިވަނީ މި ފައިސާގެ ދެބައިކުޅަ އެއްބައެވެ.

އެމްޑީޕީއިން ސިވިލްކޯޓުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު އެމްއޭސީއެލްއަށް ދަައްކަންޖެހޭ ފައިސާ ނުދެއްކި ލަސްވަނީ ދައުލަތުގެ ބަޖެޓުން ލިބެންޖެހޭ ފައިސާ ލިބުން ލަސްވެފައިވާތީއެވެ. މިކަމުން ހާމަވަނީ އެމްޑީޕީގެ ހިންގުމަށް ދައުލަތުން ދޭ ފައިސާ އަކީ އެޕާޓީގެ 2023 ގެ ރިޔާސީ ކެނޑިޑޭޓް ރައީސް އިބޫ ޚަރަދުކޮށްފައިވާ ފައިސާ ކަމެވެ. އަދި ދައުލަތުން ލިބޭ ފައިސާއިން ޕާޓީގެ ހިންގުން ހަރުދަނާ ކުރުމަށް އެފައިސާއިން ބޭނުންކުރެވެން ނެތްކަމެވެ.

"ވިރާސީ" އާއި ވާހަކަ ދައްކަމުން އެމްޑީޕީގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި އެ ޕާޓީން 4 ރިޔާސީ އިންތިޚާބެއްގައި ވާދަކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން މިފަދަ ދަރަނިތަކުގެ ދަންތުރައެއްގައި ޖެހިފައިވަނީ ހަމައެކަނި 2023 ގެ ރިޔާސީ އިންތިޚާބުގައި ކަމަށެވެ.

"އިދިކޮޅުގައި ތިބެގެން ވާދަކުރި ރިޔާސީ އިންތިޚާބުތަކުގައި މިހެނެއް ނުވޭ. ތަންތަނަށް މިލިއަނުން ދަރާފައެއް ނޯވޭ. ވެރިކަމުގަ ތިބެ ވާދަކުރި ފުރަތަމަ އިންތިޚާބު މީ. ކޮންމެވެސް ބޮޑެތި ގޯސްތަކެއް ހުރީމަ ވެރިކަމުގަ ތިބެ މިވަރަށް ދަރާފަ އޮންނާނީ" ނަން ހާމަނުކުރުމަށް އެދި އެ އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް އިތުރަށް ވިދާޅުވީ ކެމްޕޭން މެނޭޖްކުރުމުގައި ގޯސްތަކެއް ހިނގާފައިވާކަމަށް ނިންމިދާނެ ކަމަށެވެ. ނަމަވެސް މިކަމުގައި ކެމްޕޭން މެނޭޖަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ޒިންމާނަގަން ޖެހޭނެތޯ ސުވާލުކުރުމުން އެ އޮފިޝަލް ޖަވާބެއް ނުދެއްވިއެވެ.

މިކަމުގައި މުޙައްމަދު ރަޝީދު (ބިގޭ) ގެ ބަަހެއް ހޯދުމަށް ގުޅާލުމުން ކަން ހިނގައިދިޔަ ގޮތް މީޑިއާއަށް ހިއްސާކުރުމަށް ބިގޭ ވަނީ އުޒުރުވެރި ވެލައްވާފައެވެ.

މުޙައްމަދު ރަޝީދު ވިދާޅުވީ "ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ކޮށްފައިވާ ޚަރަދުތައް ޕާޓީ އޮފީހަށް ނޭނގެންވީ ސަބަބެއް ނޯންނާނެ ކަމަށާއި ޕާޓީގެ ލީޑާޝިޕްގައި ތިއްބެވި ބޭފުޅުންނަށް އޭރު ކަން ހިނގި ގޮތް ރަނގަޅަށް އެނގޭނެ ކަމަށެވެ"

"ޕާޓީގެ ލީޑާޝިޕްގައި ތިއްބެވި ބޭފުޅުންގެ ވިސްނުމާއި އިދިކޮޅަށް އަޅުގަނޑަށް މަޢުލޫމާތު ދެވިއްޖެއްޔާމު ކަމަކު ނުދާނެ" ބިގޭ ވިދާޅުވިއެވެ.

ސަރުކާރުން ހުރަސްއަޅާ ކަމުގެ ޝަކުވާ

ފައިސާގެ ދަތިކަން ތަހައްމަލު ކުރަމުން އަންނަ އެމްޑީޕީން ވަނީ މި ދަތިތަކުން އަރައިގަތުމަށް ފިޔަވަޅުތަކެއް އަޅާފައެވެ. މިގޮތުން ސިޔާސީ ޕާޓީތަކުން ވިޔަފާރި ކުރުމަށް ޤާނޫނުން ދީފައިވާ ފުރުސަތުގެ ބޭނުން ހިފުމަށް އެޕާޓީން ވަނީ ނިންމާފައެވެ. ނަމަވެސް އެމްޑީޕީން ވިޔަފާރި ކުރުމަށް ނިންމިޔަސް ސަރުކާރުގެ އިކޮނޮމިކް މިނިސްޓްރީން ލިބެންޖެހޭ އެއްބާރުލުން ނުލިބުމުގެ ސަބަބުން އެކަން އެކަށީގެންވާ އަވަސް މިނުގައި ފަށައިގަނެވިފައި ނުވާކަމުގައި އެޕާޓީން ބުނެއެވެ.

އަދި މީގެ އިތުރުން ދައުލަތުގެ ބަޖެޓުން ދޭ ފައިސާ ލިބުން ލަސްވުމާއި ލިބޭއިރު އެއްބައި ލިބުމުގެ ސަބަބުން ޕާޓީ ހިންގުމާއި ކުރީގެ ދަރަނިތައް ދެއްކުން ފަދަ ކަންކަމަށް ނުހަނު ދަތިވާކަމަށް އެމްޑީޕީން ފާހަގަކުރެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 1
ސަކަރާތް ސަކަރާތް 1
ލޯބި ލޯބި 1
މަޖާ މަޖާ 1