ބ. އަތޮޅުގައި ދުއްވަން ތައްޔާރުކުރި އާރުޓީއެލް ފެރީތައް ބޭނުމެއް ނުކުރެވޭ

މިދިޔަަ ޖުލައި މަހުގެ 28 ގައި ބ. އަތޮޅުގައި ފެށުނު އާރްޓީއެލް ފެރީގެ ޚިދުމަތަށް ބޭނުންކުރުމަށް ބަނދެ ތައްޔާާރުކުރި ފެރީތަކުގެ ބޭނުން ނުކުރެވޭކަން އިތުބާރުހުރި މަސްދަަރަކުން "ވިރާސީ" އަަށް ކަށަވަރުވެއްޖެއެވެ.
ބ. އަތޮޅުގައި އާރުޓީއެލް ފެރީގެ ގޮތުގައި ބޭނުންކުރުމަަށް ބަނދެފައިވާ ފެރީތައް ބޭނުން ނުކުރެވުމުގެ ސަބަބުން އެ އަތޮޅުގައި ބޭނުންކުރަނީ ހދ. އަތޮޅުގައި ބޭނުންކުރަމުން އައި ފެރީތަކެކެވެ. އަދި ހދ. އަތޮޅުން ފެރީތައް ބ. އަތޮޅަށް ގެންދިއުމަށްޓަކައި ހދ. އަތޮޅުގެ ފެރީ ރޫޓުތަކަށް ބަދަލުތައް ގެނެސް ބައެއް ރޫޓުތައް ކުރުކޮށްފައި ވާކަމަށް މަޢުލޫމާތު އެނގޭ ފަރާތަކުން މަޢުލޫމާތު ދެއެވެ.
އެފަރާތުން މަޢުލޫމާތުދިން ގޮތުގައި ފެރީތައް ބޭނުން ނުކުރެވެނީ އަލަށް ބަނދެފައިވާ ފެރީތަކާއި އެމްޓީސީސީން ބޭނުންކުރަމުން އައި އިންޖީނުތައް ދިމާނުވުމުގެ ސަބަބުންނެވެ. ކުރިން ބޭނުންކުރަމުން އައި "ޖެޓް އިންޖީނުގެ ބަދަލުގައި މިހާރު ބޭނުންކުރަން ނިންމާފައިވަނީ "އައުޓްބޯޑް އިންޖީނު" ކަމަށާއި އައު ފެރީތައް ބަނދެފައިވަނީ ޖެޓު އިންޖީނު ބޭނުންކުރާ ގޮތަށް ކަމަށް އެމްޓީސީސީގައި ވަޒީފާ އަދާކުރާ އެމީހާ ކިޔައިދިނެވެ.
"ކުރިން ފެރީތައް ބަންނަނީ ގަލްފް މީހުން. ފަހުން އަލްޝާލީއަށް އެކަން ހަވާލުކުރީ. އަލްޝާލީން ފެރީތައް ބަނދެ ނިމުނު ފަހުން އިންޖީނު ބަަދަލުކުރަން ނިންމީ. ފަހުން ބަނދެފައިހުރި ފެރީތަކުގެ "ހަލްގަނޑު" ޖެހޭނީ ބަދަލުކުރަން" ވަނަވަރު ސިއްރުކުރަން އެދެމުން އެމީހާ ކިޔައިދިނެވެ.
"ޖެޓު އިންޖީނުން އައުޓްބޯޑަށް ބަދަލުކުރަން ނިންމީ ކީއްވެ ކަމެއް ހަމަ އެއްގޮތަކަށްވެސް ނޭނގެ"
އެމީހާ އިތުރަށް ބުނި ގޮތުގައި ފެރީތަކަށް ބަަދަލު ގެނައުމުގެ މަސައްކަތަކީ ވަަރަށް ބޮޑު އަދި އަގު ބޮޑު މަސައްކަތެއް ކަމަށެވެ. އަދި މި މަސައްކަތް "އަލްޝާލީ މެރިން" އާއި ހަވާލުކޮށްފައި ވާކަމަށްވެސް އެމީހާ ފާހަގަކުރިއެވެ.
ރާއްޖެ ޓްރާންސްޕޯޓް ލިންކް ނުވަތަ އާރުޓީއެލް އަކީ ކުރީ ސަރުކާރުން ފަށާފައިވާ ޤައުމީ ދަތުރުފަތުރުގެ މަަޝްރޫއެކެވެ. މި މަޝްރޫޢުގައި އެ ސަރުކާރު ނިމުނުއިރު ޖުމްލަ 27 ފެރިއެއް ބަނދެ ޚިދުމަތަށް ނެރެފައިވެއެވެ. ރާއްޖޭގެ 11 އަތޮޅެއްގެ 110 ރަށެއްގައި މިހާރު މި ޚިދުމަތް ފަށާފައިވާއިރު "މ، ފ، ދ، ތ، އަދި ލ އަތޮޅު" ހިމެނޭ ޒޯން 4 ގައި މި ޚިދުމަތް ފެށުމަށް އެމްޓީސީސީން ދަނީ ތައްޔާރުވަަމުންނެވެ.
ރިއެކްޓް



