ހުވާކުރުމުގެ ރަސްމިއްޔާތުގައި މަކަރު ހެދިކަމަށް ފުލުހަަކު އެއްބަސްވެއްޖެ

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސްޕެޝަލް ކޮންސްޓަބްލަރީގެ މުވައްޒަފެއް، ފުލުހުންގެ ހުވާކުރުމުގެ ރަސްމިއްޔާތުގައި މަކަރު ހެދިކަމަށް ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހެއްގައި އިއުތިރާފުވެއްޖެއެވެ.
ވޭޕް ވިއްކާ ކަމުގެ ތުހުމަތުގައި ގދ. ތިނަދޫއިން ހައްޔަރުކުރެވުނު ސްޕެޝަލް ކޮންސްޓަބްލަރީ މުހައްމަދު ސާޖިދު އަހުމަދު ހައިކޯޓުގައި ބުނެފައިވަނީ، ފުލުހުންގެ ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވި ނަމަވެސް "ބިރުން" އެ ހުވާ ނުކުރާ ކަމަށެވެ.
ސާޖިދުގެ މައްޗަށް ތުހުމަތު ކުރެވެނީ ވޭޕް ގެންގުޅެ ވިއްކުމުގެ މައްސަލައެއްގައެވެ. ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު، އިލެކްޓްރޯނިކް ސިގިރޭޓާއި ގުޅޭ ހެކިތަކުގެ އިތުރުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހިތަކެއް ފެނިފައިވެއެވެ.
ދައުލަތުގެ ފަރާތުން ހައިކޯޓުގައި ބުނެފައިވަނީ ސާޖިދަކީ ގާނޫނުގައި ބުނާ ސްޕެޝަލް ކޮންސްޓަބްލަރީގެ ހުވާކޮށްފައިވާ މީހެއް ކަމަށާއި، ހުވާގެ އިގުރާރުގައި އޭނާ ސޮއިކޮށްފައިވާ ކަމަށެވެ. ނަމަވެސް ސާޖިދުގެ ދިފާއީ ވަކީލު އަހުމަދު ޔާމީން ބުނެފައިވަނީ މިދިޔަ މެއި މަހުގެ 7 ވަނަ ދުވަހުން ފެށިގެން ފުލުހުންގެ ހިދުމަތުގައި ހުރި ނަމަވެސް، ސާޖިދު ހުވާކޮށްފައި ނުވާ ކަމަށެވެ.
ފަނޑިޔާރުންގެ ސުވާލުތަކަށް ޖަވާބު ދެމުން ސާޖިދު އެއްބަސްވެފައިވަނީ ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވި ނަމަވެސް ހުވާ ނުކުރާ ކަމަށެވެ. އަދި އޭނާ އެއްމަހުގެ މުސާރަ ލިބިފައިވާ ކަމަށްވެސް އެއްބަސްވިއެވެ. މިކަމާ ގުޅިގެން ފަނޑިޔާރު ނިޔާޒު ވިދާޅުވެފައިވަނީ ރަސްމީ ރަސްމިއްޔާތެއްގައި ހުވާކުރުމަށް ހާޒިރުވެ، ވަޒީފާގައި އެތައް ދުވަހެއް ހޭދަކުރުމަށްފަހު ހުވާ ނުކުރާ ކަމަށް ބުނުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
މި މައްސަލަ ފެންމަތިވުމުން ޢާއްމުންގެ އެތައް ބަޔަކު ގެންދަނީ ސޯޝަލްމީޑިއާގައި ކަނބޮޑުވުން ފާޅުކުރަމުންނެވެ. ހުވާކުރަން ދިޔަ ނަމަވެސް "ހުވާނުކުރާ" އަދި ކިތައް ފުލުހުން އުޅޭނެތޯ ޢާއްމުން ގެންދަނީ ސުވާލުކުރަމުންނެވެ.
ރިއެކްޓް



