ރިޕޯޓު

ސިހުރުގެ ވާހަކަ ދައްކަނީ ހަގީގަތް އޮޅުވާލަން

ޖުލައި 14, 2025 - 10:24
ޖުލައި 15, 2025 - 20:49
 0
ސިހުރުގެ ވާހަކަ ދައްކަނީ ހަގީގަތް އޮޅުވާލަން
އަލް މަރްހޫމް އަބްދުއްރަހްމާން އާދަމް -- އާޓްވޯކް: ވިރާސީ

 ޖުލައި މަހުގެ 12 ވަނަ ދުވަހުގެ ރޭ ދަންވަރު، އއ. މާޅޮސް މާހިޔާ ގޭގައި ރަހުމުކުޑަ ހަމަލާއެއްގެ ޝިކާރައަކަށްވެ އެ ޒަހަމްތަކަށް ފަރުވާދެމުންދަނިކޮށް ނިޔާވި އެރަށު އޯކިޑްމާގެ އަބްދުއްރަހްމާނުގެ މަރާއި ގުޅިގެން އެކި ގޮތްގޮތަށް ވާހަކަ ދެކެވެމުންދާއިރު، އެންމެ ބޮޑަށް ދެކެވޭ ވާހަކައަކީ ސިހުރުގެ ވާހަކައެވެ. އަބްދުއްރަހްމާން އަކީ ސިހުރު ހަދާ މީހެއް ކަމަށް އެކި ފަރާތްތަކުން ބުނާ ވާހަކައެވެ. އަދި އަބްދުއްރަހްމާނަށް ހަމަލާދިން ބަޔަކު އެކަން ކުރީވެސް ސިހުރުހެދުމާއި ގުޅުވައިގެން ކަމަށް ރަށުތެރޭގައި ދެކެވޭ ވާހަކައެވެ.

"ސިހުރު ހަދާތީ އޭ, ސިހުރުވެރިއެކޭ, އެގޮތަށް އެ ކިޔަނީ ވަކި ބަޔަކު ބޭނުން ވެގެން. ވަކި ބަޔަކު ފެތުރި ވާހަކައެއް. މިހާރުވެސް އެވާހަކަ އެގޮތަށް އެ ދައްކަނީ ހަޤީޤަތް އޮއްބާލަން. އޮޅުވާލަން" އާއިލާއިން "ވިރާސީ" އަށް މަޢުލޫމާތު ދިން އަހުމަދު (އަސްލު ނަމެއް ނޫން) ސާފުކޮށްދިނެވެ.

"ފުލުހުން ތަހުޤީޤު ކުރީމަ އެކަން ފާޅުވާނެ. މިހާރު އަހަރެން އެއްޗެކޭ ބުނީމަ ތަހުޤީޤަށް ހުރަސް އެޅޭނެ" ހަޤީޤަތް އޮއްބާލަނީއޭ ބުނުމުން އެކަމާ ކުރި ސުވާލަށް ޖަވާބުދެމުން އަހުމަދު ބުންޏެވެ.

 

ފައިސާގެ މައްސަލައެއް އުޅޭކަމުގެ ވާހަކަތަކެއް

އަހުމަދު ބުނީ އަބްދުއްރަހްމާނާއި އޭނާގެ ދަރިފުޅު ނާޒިމް އެއްބައިވެގެން "ގެ ހެދުމަށް" ރައްކާކުރި ފައިސާ, ނާޒިމް ބަޔަކަށް ދިނުމަށްފަހު ރާއްޖެއިން ފުރައިގެން ސީރިއާއަށް ދިޔަ ކަމަށެވެ. އަދި މިއީ ދެތިން އަހަރު ކުރީގެ ކަމެއް ކަމަށާއި ސީރިއާއަށް ދިޔަ ކުއްޖާ ރާއްޖެ އަނބުރާ ގެނައި ކަމަށާއި އޭގެ ފަހުން ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއާއި ގުޅުން އޮވެގެން އަލުން ޖަލަށް ލާފައިވާ ކަމަށެވެ. އަދި ނާޒިމް ދީފައިވާ ފައިސާ އަނބުރާ ހޯދުމަށް އަބްދުއްރަހްމާން އެ ބަޔަކާއި ވާހަކަ ދެއްކި ކަމަށާއި ނަމަވެސް އެ ފައިސާ އެމީހުން އަތުން އަނބުރާ ލިބިފައި ނުވާ ކަމަށެވެ.

 

ސިހުރުގެ ތުހުމަތު ކޮށްފައިވަނީ ފައިސާގެ މައްސަލަ ޖެހުނު މީހުން

އަހުމަދު ބުނި ގޮތުގައި ފައިސާ ނުލިބިގެން އަބްދުއްރަހްމާން އެމީހުންނަށް ގުޅާ ވާހަކަދައްކާ ހަދާކަން އެނގޭ ކަމަށެވެ. އަދި އެ ދުވަސްކޮޅު އެމީހުންގެ ތެރެއިން އެކަކުގެ މަންމަ 2 ކިޑްނީ ފެއިލްވެގެން ނިޔާވި ކަމަށާއި އެކަމުގައި އަބްދުއްރަހްމާން ސިހުރު ހެދިކަމަށް އެމީހުން ތުހުމަތުކޮށް އެވާހަކަ ރަށުތެރޭގައި ދައްކާކަން އާއިލާއަށް އެނގޭކަމަށްވެސް އަހުމަދު ބުންޏެވެ.

"7 ލައްކަ ރުފިޔާ ރައްކާކޮށްފައި ހުރި. އެފައިސާ ނާޒިމް ދިން މީހުން އަތުން އަނބުރާ ނުލިބިގެން އަބްދުއްރަހްމާން އުޅޭ. ބައެއް ދުވަހު އެމީހުންނާއި ވާހަކަދައްކާފައި ރުޅި ގަދަވެފައިވެސް ހުރޭ." އަހުމަދު އޭނާއަށް ފައިސާގެ މައްސަލާގައި އެނގޭ މިންވަރު ކިޔައިދިނެވެ.

"ކޮން ބައެއް ކަމެއް ނޭގޭ. އެނގޭހާވެސް ކަމަކީ އެއީ ނާޒިމް ދަންނަ ބައެއް ކަން" އަހުމަދު ފާހަގަ ކުރިއެވެ.

އަދި މިހާރު ސިހުރުގެ ވާހަކަ ބޮޑަށް ދެކެވެނީ މީގެ ކުރިން ރާއްޖޭގައި ސިހުރާ ގުޅުންހުރި މަރުތައް ހިނގާފައިވާތީ އެގޮތަށް ވާހަކަދައްކައިގެން ކަމުގެ ހަޤީޤަތް އޮޅުވާލުމަށް ކަމަށްވެސް އަހުމަދު ތުހުމަތު ކުރެއެވެ.

 

މާޅޮހަށް އައީ ދެތިން ދުވަހަށް

އަބްދުއްރަހްމާން އުޅެނީ އުކުޅަހުގައި މަސްވެރިކަން ކުރަން ކަމަށާއި މާޅޮހަށް އައީ އޭނާގެ ދަރިފުޅު ނިމާލްއާއި ނިމާލްގެ އަނބިމީހާ ސްރީލަންކާއަށް ދާތީ ނިމާލްގެ މަންމަ (އަބްދުއްރަހްމާންގެ އަނބިމީހާ) ނާޒިމާ އެކަނިވާނެތީ ގޭގައި މަޑުކުރުމަށް ކަމުގައި އަހުމަދު ބުންޏެވެ. އަބްދުއްރަހްމާންގެ ދަރި ނިމާލްއާއި އޭނާގެ އަނބިމިހާ އުޅެނީ ނާޒިމާގެ ގޭގައި ކަމަށާއި އެ ދެމީހުން ސްރީލަންކާއިން އެނބުރި މާލެ އައީ ހަމަ އެރޭ އިރާކޮޅު 10 ޖަހާކަންހާއިރު ކަމަށް އަހުމަދު ބުންޏެވެ.                                          

 

ގެއަކީ ފަސޭހައިން ވަދެ ނުކުމެވޭ, ތަޅުނުލާ ގެއެއް

މާހިޔާ ގެޔަކީ އާއްމުކޮށްވެސް ތަޅު ނުލާ ހުންނަ ގެއެއް ކަމަށާއި އެރޭވެސް އެގޭގައި ހުރީ ތަޅުނުލައި ކަމަށް ބެލެވޭ ކަމުގައި އަހުމަދު ފާހަގަކުރިއެވެ. އަދި ހޫނުވާތީ ކަމަށް ބުނެ ކޮޓަރީގައި ހުރީ ދޮރު ނުލައްޕާ ކަމަށްވެސް އަހުމަދު ފާހަގަ ކުރިއެވެ.

ގެއަށް ވަންކަމުގެ ނިޝާންތައް ހުރި

"ގޭގެ ބޭރުގައި ހުރި ވެލީގެ ނިޝާންތަކަށް ބެލުމުން ގެއަށް ވަދެފައި ހުރީ ހަތަރެސްފައި ޖަހައިގެން ތިރިވެ ތިބެ ކަން އެނގޭ. ނުކުމެފަ ހުރީ ބާރަށް ދުވެފަ. ދުވެފަ ހުރި ނިޝާންތައް ހުރި ވެލިގަނޑުގަ." އަހުމަދުއާއި އާއިލާގެ އެހެން މެންބަރުންނަށް ފާހަގަވީ ކަންތައްތައް ކިޔައިދެމުން ބުންޏެވެ.

އަހުމަދު އިތުރަށް ބުނީ ގެއަށް ވަދެފައިވަނީ ކިތައް މީހުންކަން އެ ނިޝާންތަކުން ނޭނގޭ ކަމަށެވެ.

 

ހަމަލާދީފައިވަނީ ހަމަހޭ ނެތް ގަޑި ބަލާފައި

އަބްދުއްރަހްމާނަކީ މަސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ، ޖިސްމާނީ ގޮތުން ވަރުގަދަ، އިސްކޮޅުން ދިގު މީހެއް ކަމަށާއި އޭނާއަށް ހަމަލާ ދީފައިވަނީ ހަމަހޭވެރިކަން ނެތް ގަޑިއެއް ބަލާފައި ކަމަށް ބެލެވޭ ކަމަށް އަހުމަދު ބުންޏެވެ.

"ހަމަހޭގައި ހުއްޓާ ހަމަލާދީފިނަމަ އެބައެއްގެ މައްޗަށް އަބްދުއްރަހްމާން ގަދަ ވާނެ. މީގެ ކުރިން ވެސް އެބަހުރި މާލޭގައި ފޯނު ފޭރެން މީހުން އައިމަ ފޭރެން އައި މީހާގެ އަތުގައި ހިފި ހިފީނުން ހުޅު ނައްޓާލާފަ." އަހުމަދު ކިޔައިދިނެވެ.

 

ހަމަލާ ދީފައިވަނީ އެއްފަހަރުން މަރާލަން

އަހުމަދު ބުނީ ބައެއް ފަރާތްތަކުން މަރުތޭލަކުން ބޮލުގައި ޖަހާފައިވާކަމަށް ވާހަކަ ދެއްކިޔަސް އެއީ މުޅީން ރަނގަޅު ވާހަކައެއް ނޫނެވެ.

"ބޭސް އެޅިތަނުގައި ހުރި ނަރުސް ކުއްޖާ ބުނީ ހަމަލާ ދީފައި ހުރީ ވާތްފަރާތު ލޮލާއި ކަންފަތާއި ދެމެދު އިންނަ "މަރުވަޅަށް". އެންމެ ފަހަރަކު ހަމަލާ ދިފައިވެސް ހުރީ. ނަމަވެސް ހަމަލާ ދީފައިވަނީ ތޫނު ތުނޑެއް ހުރި އެކަމަކު ކޮށި އެއްޗަކުން ކަމަށް ބެލެވެނީ. އެއީ ނަރުސް ކުއްޖާ ބުނީ ތޫނު އެއްޗަކުން ހަމަލާދިނީމާ ހުންނަ ގޮތަށްވުރެ މަސްގަނޑު އިރައިގެން ގޮސްފައިވާ ކަމަށް." އަބްދުއްރަހްމާނަށް ލިބިފައި ހުރި ޒަހަމްގެ ވާހަކަ ކިޔައިދެމުން ބުންޏެވެ.

 

އިތުރު އެތައް ސުވާލުތަކެއް

އަބްދުއްރަހްމާންގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް މާލެ ގެނެސްފައިވާއިރު ޖަވާބު ހޯދަން ބޭނުންވާ އެތައް ސުވާލުތަކެއް ވަނީ އުފެދިފައެވެ.

ހަމަލާދިނީ ކިތައް މީހުން؟

ހަމަލާދިން ހަތިޔާރު ކޮބާ؟

ހަމަލާދިން ބަޔަކަށް ރަށުން ފުރަން ފުރުސަތު ލިބުނުތަ؟

ހަމަލާ ދިނީ ދަރިފުޅު ރަށުގައި ނެތް ރެއެއް ބަލާފައިތަ؟

 

ރިއެކްޓް

ރަނގަޅު ރަނގަޅު 3
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0