އެއްވެސް ޤައުމަކަށް ޙައްޖު ކޯޓާ އިތުރުވާނަމަ އެ ލިސްޓުގައި ރާއްޖެ ހިމެނޭނެ: ޝަހީމް

ދިވެހިރާއްޖެއަށް ހައްޖަށް ދިއުމަށް ސަޢުދީ ޢަރަބިއްޔާއިން ދޫކުރާ ހައްޖު ކޯޓާ އިތުރުކުރުމަށް ސައޫދީޢަރަބިއްޔާއާއި އެކު މަޝްވަރާކުރަމުން ދާކަމަށާއި އެއްވެސް ޤައުމަކަށް ހައްޖު ކޯޓާ އިތުރުކުރާނަމަ އެ ލިސްޓުގައި ދިވެހިރާއްޖެ ހިމެނޭނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެޔޮދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިއުޝާދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ނިއުޝާދުގެ ސުވާލުގައި ހައްޖަށް ދިއުމަށް 2022 ވަނަ އަހަރު ފައިސާ ދެއްކި ބައެއް ފަރާތްތައް 2026 ގައި ހައްޖަށް ދިއުމަށް ހަމަޖެހިފައި އޮތުމަށްފަހު 2027 އަށް ފަސްވެފައިވާ ސަބަބު އޮޅުންފިލުވައި ދެއްވުމަށް އެދުމުން މިނިސްޓަރު ވިދާޅުވީ ހައްޖު ކިއު ދިގުވެ އަހަރުން އަހަރަށް ފަސްވުމަށް މެދުވެރިވި ސަބަބަކީ 2020 އަދި 2021 ވަނަ އަހަރު ކޮވިޑް-19 އާއި ގުޅިގެން އެއްވެސް ބަޔަކު ހައްޖަށް ނުގެންދެވި ވާތީ ކަމުގައެވެ.
އަދި ހައްޖު ކިއު ކުރު ކުރުމަށްޓަކައި ރާއްޖެއަށް ލިބޭ ހައްޖު ކޯޓާ އިތުރު ކުރުމަށް ސަޢޫދީޢަރަބިއްޔާގެ ސަރުކާރާއި މަޝްވަރާކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިހާތަނަށް އެއްވެސް ޤައުމަކަށް ހައްޖު ކޯޓާ އިތުރުކޮށްދީފައި ނުވާކަމަށާއި ހައްޖު ކޯޓާ އިތުރުކުރާނަމަ ރާއްޖޭގެ ކޯޓާ އިތުރުވާނެކަމުގެ ޔަޤީންކަން މިނިސްޓަރ ދެއްވި އެވެ.
ކޮވިޑް 19 އާއި ގުޅިގެން 2020 އަދި 2021 ވަނަ އަހަރު އެއްވެސް ޤައުމަކުން ހައްޖަށް މީހުން ގެންދިއުމަށް ސަޢޫދީ ސަރުކާރުން ހުއްދަ ދީފައެއް ނުވެއެވެ. މި ދެ އަހަރު ރާއްޖެއިންވެސް އެއްވެސް ފަރާތެއް ހައްޖަށް ގެންގޮސްފައި ނުވާއިރު، 2022 ވަނަ އަހަރު ރާއްޖެއަށް ލިބުނީ 483 ހައްޖު ކޯޓާ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ރާއްޖެއަށް ލިބެނީ އަހަރަކު 1000 ހައްޖު ކޯޓާއެވެ.
ރިއެކްޓް



