ޒުވާން ޚަޠީބުންގެ ޕްރޮގްރާމް ފުރިހަމަކުރި 269 ޚަޠީބުންނަށް ސަނަދު ހަވާލުކޮށްފި

ޒުވާން ޚަޠީބުން ތަމްރީން ޕްރޮގުރާމުގެ ތިންވަނަ ބުރު ފުރިހަމަކުރި 269 ޒުވާން ޚަޠީބުންނަށް މިއަދު ސަނަދު ހަވާލުކޮށްފިއެވެ.
މި ސަނަދުތައް ހަވާލުކޮށްދެއްވީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއާއި އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފްއެވެ.
މި ޕްރޮގްރާމުގެ ތިންވަނަ ބުރުގައި ސަނަދު ހާސިލްކުރި 269 ޚަޠީބުންނާއެކު، މިހާތަނަށް މި ޕްރޮގްރާމު ފުރިހަމަކުރި ޖުމްލަ ޚަޠީބުންގެ އަދަދު ވަނީ 503 އަށް އަރާފައެވެ. އެގޮތުން ފުރަތަމަ ބުރުގައި 65 ޚަޠީބުންނާއި، ދެވަނަ ބުރުގައި 169 ޚަޠީބުން ވަނީ ސަނަދު ހާސިލްކޮށްފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝަހީމް ވިދާޅުވީ މި ޕްރޮގްރާމަށް އެކި ރަށްރަށުން ބޮޑު ތަރުޚީބެއް ލިބެމުން އަންނަ ކަމަށެވެ. އަދި ޚަޠީބުކަމުގެ ސަނަދު ހާސިލްކޮށްގެން ޒުވާން ޚަޠީބުން ރަށްރަށަށް ދިއުމުން ކިޔާ ހޫނު މަރުޙަބާއިން އިނގެނީ ރަށްރަށުން އެކަމަށް ބޭނުން ޖެހިފައިވާކަން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މި ޕްރޮގްރާމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންދާ އެއް ޕްރޮގްރާމެވެ. މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ރަށްރަށަށް ދިމާވެފައިވާ ޚަޠީބުން ލިބުން ދަތިވުމުގެ މައްސަލައަށް ހައްލެއް ހޯދުމާއި، ޒުވާން ކުދިންނަށް މި ދާއިރާއިން ފުރުސަތު ފަހިކޮށްދިނުމެވެ.
އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ އަމާޒަކީ މި ފަސް އަހަރުގެ ތެރޭގައި 1000 ޒުވާން ޚަޠީބުން ތަމްރީން ކުރުމެވެ. މިހާތަނަށް މި ޕްރޮގްރާމުގެ ދަށުން ތަމްރީނުކުރެވުނު ޚަޠީބުންގެ އަދަދަށް ބަލާއިރު، މި އަމާޒަށް ވާސިލުވުމަށް ރަނގަޅު ކުރިއެރުމެއް ލިބެމުންދާކަން ފާހަގަކުރެވެއެވެ.
ރިއެކްޓް



