ޚަބަރު

ގައްދޫއިން ގެއްލުނު ޒަކަރިއްޔާ މުޙައްމަދު ނިޔާވެފައި އޮޮއްވާ ފެނިއްޖެ

ޖުލައި 13, 2025 - 11:57
ޖުލައި 13, 2025 - 12:16
 0
ގައްދޫއިން ގެއްލުނު ޒަކަރިއްޔާ މުޙައްމަދު ނިޔާވެފައި އޮޮއްވާ ފެނިއްޖެ

ގދ.ގައްދޫން ފުރައިގެން އެ އަތޮޅު ގަމަށް ކުޑަ ޑިންގީއެއްގައި އެކަނި ދަތުރުކުރަމުން ދަނިކޮށް ގެއްލުނު ޒަކަރިއްޔާ މުޙައްމަދުގެ ހަށިގަނޑު ގަމަށް ލައްގާފައި އޮއްވާ ފެނިފައިވާކަމަށް "ވިރާސީ" އަށް މަޢުލޫމާތު ލިބިއްޖެއެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި ޒަކަރިއްޔާ ފެނިފައިވަނީ ގދ. ގަމުގެ ދެކުނު ފަރާތު ހޭޅިފަށުންނެވެ. އެ ސަރަހައްދުގައި ހުރި މީހަކު "ވިރާސީ" އަށް މަޢުލޫމާތުދެމުން ބުނީ ޒަކަރިއްޔާގެ ހަށިގަނޑު ފެނުނީ ހޭޅިފަށު އަކިރިގަނޑު މަތީގައި އޮއްވާ ކަމަށެވެ. އަދި މިހާރު އެ ސަރަހައްދުގައި މިހާރު ފުލުހުން ހަރަކާތްތެރިވަމުންދާކަމަށްވެސް އެމީހާ މަޢުލޫމާތު ދެއްވިއެވެ.

ގައްދޫ ކައުންސިލުން މަޢުލޫމާތު ދެއްވި ގޮތުގައި ޒަކަރިއްޔާގެ ހަށިގަނޑު ފުރަތަމަ ފެނިފައިވަނީ ގަމަށް ދިޔަ ގައްދޫ ދެމީހަކަށެވެ. "އެ ދެމީހުން ގަމު ހޭޅިފަށް ސަރަހައްދު ބަލަމުން ދަނިކޮށް އެންމެ ދެކުނު ކޮޅުން ފެނުނީ." ކައުންސިލުން މަޢުލޫމާތުދެއްވަމުން ވިދާޅުވިއެވެ.

ޒަކަރއްިޔާ މުޙައްމަދު ދުއްވި ޑިންގީއާއި ޑިންގީގައި ހުރި ބައެއް ތަކެތި އިއްޔެ ވަނީ ގަމާއި ގައްދޫއާއި ދެމެދު ކަނޑުއޮޅި ކައިރިން ފެނިފައެވެ. 

 ޑިންގީ ފެނިފައިވަނީ ޒަކަރިއްޔާ މުޙައްމަދު ހޯދުމަށް އެ ސަރަހައްދަށް "ސްނޯކްލިންގ" އަށް ފައިބައިގެން އުޅުނު ގައްދޫގެ ބަޔަކަށެވެ. ގައްދޫ އާއި ގަމާއި ދެމެދުން ޑިންގީގެ ނަގިލި ފެނުނު ސަރަހައްދަށް ގައްދޫގެ 21 މީހަކު ފީނައި ހެދިކަމަށާއި އޭގެ ތެރެއިން ޑިންގީ ފެނިފައިވަނީ ކަނޑު އޮޅި ކައިރިއަށް ފީނި 4 މީހަކަަށް ކަމުގައި ކައުންސިލުން މަޢުލޫމާތު ދެއްވައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 2
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0