ޚަބަރު

ފުލުހުންނަށް ފިލަން ބާރު ސްޕީޑުގައި ކާރު ދުއްވި ޒުވާނާ ދޫކޮށްލައިފި

އޮގަސްޓް 10, 2025 - 22:55
 0
ފުލުހުންނަށް ފިލަން ބާރު ސްޕީޑުގައި ކާރު ދުއްވި ޒުވާނާ ދޫކޮށްލައިފި
ފޮޓޯ: ފުލުހުން

ހުޅުމާލޭގައި ނުރައްކާތެރިކޮށް ބާރު ސްޕީޑްގައި ކާރެއް ދުއްވައި ފުލުހުންގެ ސައިކަލެއްގައި ޖެއްސި މައްސަލައިގައި ހައްޔަރުކުރި 18 އަހަރުގެ ޒުވާނާ ކޯޓު އަމުރަކާއެކު މިއަދު ދޫކޮށްލައިފިއެވެ.

ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، ރޭ ހުޅުމާލޭގައި ބާރު ސްޕީޑްގައި ނުރައްކާތެރިކޮށް ދުއްވަމުން ދިޔަ ކާރެއް މަޑުކުރުމަށް އެންގުމުން، މަޑުނުކޮށް ބާރު ސްޕީޑްގައި ފޭސް އެކަކާއި ފޭސް ދޭއްގައި ދުއްވަމުން ދިޔަ މި ކާރު ހުއްޓުވުމަށް ފުލުހުން މަސައްކަތްކުރި އިރު، ފުލުހުންގެ ސައިކަލެއްގައި ޖައްސައި ވައްޓާލާފައިވެއެވެ.

މި ހާދިސާގައި ހައްޔަރުކުރެވުނު ފަރާތަކީ ހ. ފިލިމާގެ، ކ. މާލޭގެ އައިކް ހައިޝަމް ހަސަން ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. އަދި ހާދިސާ ހިނގިއިރު ކާރުގައި އިން އަންހެން މީހާ ވަނީ ކުރިން ފުލުހުންގެ ހައްޔަރުން ދޫކޮށްލާފައެވެ.

މި ހާދިސާގައި ސައިކަލުގައި ތިބި ދެ ފުލުހުންގެ ތެރެއިން އެއް ފުލުހަކަށް އަނިޔާވެ، ހުޅުމާލެ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއްވިއެވެ. އަދި އިތުރު ފަރުވާ ހޯދުމަށް ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން މީޑިއާއަށް ދެއްވި މައުލޫމާތުގައި، އައިކް ކޯޓަށް ހާޒިރުކުރުމުން ޝަރުތުތަކަކާއެކު ދޫކޮށްލުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.

މި މައްސަލައިގެ ތަހުގީގު ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0