މާމިގިލިން ގެއްލުނު ކުއްޖާ މޫދު އަޑީގައި ނިޔާވެފައި އޮއްވާ ފެނިއްޖެ

މާމިގިލިން މިއަދު ބޯވަ ނަގަން މޫދަށް ފައިބައިގެން އުޅެނިކޮށް ގެއްލުނު 15 އަހަރުގެ ކުއްޖާ ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.
ގެއްލުނު ކުއްޖާ ހޯދުމަށް ނުކުމެ އުޅުނު ޑިންގީއެއްގައި ހުރި މީހަކު "ވިރާސީ" އަށް މަޢުލޫމާތުދެމުން ބުނީ އެކުއްޖާ ފެނުނީ މޫދުގެ 18 މީޓަރު އަޑިން ކަމަށާއި ފެނުނު އިރުވެސް އޮތީ ނިޔާވެފައި ކަމަށެވެ.
މި ހާދިސާގައި ނިޔާވީ ލޫތު އަހުމަދު / ރޯޅި، އދ. މާމިގިލި / 15 އަހަރު އެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި ލޫތުއާއި އެކު އިތުރު ތިން ކުދިން ބޯވަ ނަގަން ފޭބީ މެންދުރު ގަޑީގައެވެ.
އެތަނުން އެއް ކުއްޖަކަށް ހަވީރު 5:30 ހާއިރު ފެނުނު ކަމަށް ބުނެފައިވާކަމަށާއި އޭގެ ތެރެއިން އެއް ކުއްޖަކު ބުނި ކަމަށާއި އެ 4 ކުދިން ބޯވަ ނަގަން ތިބެފައި ރަށާއި ދިމާލަށް ފީނަމުން އައި އިރުވެސް ކުރީގައި އޮވެގެން އައީ ގެއްލިގެން އުޅޭ ކުއްޖާކަމަށް ބޯވަ ނަގަން ފޭބި ކުއްޖަކު ބުނި ކަމުގައި މާމިގިލިން "ވިރާސީ" އަށް މަޢުލޫމާތުދެއްވި މީހަކު ކިޔައިދިނެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި މި ކުއްޖާގެ ހަބަރެއް ނުވެގެން މާމިގިލީ ރައްޔިތުން އެކުއްޖާ ހޯދުމުގެ މަސައްކަތް ވަނީ ހަވީރު ފަށާފައެވެ. މިގޮތުން ގިނަ އަދަދެއްގެ ޑިންގީތައް އެކުއްޖާ ހޯދުމަށް ފަޅުން ބޭރަށް ނުކުމެ ބޯވަ ނަގަން އުޅުނު ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ކަމަށްވެއެވެ.
ރިއެކްޓް



