ޚަބަރު

މިއަދުގެ މެންދުރު ނަމާދަށްފަހު މޫސަގެ ހަށިގަނޑު ވަޅުލަނީ

އޮގަސްޓް 10, 2025 - 08:30
 0
މިއަދުގެ މެންދުރު ނަމާދަށްފަހު މޫސަގެ ހަށިގަނޑު ވަޅުލަނީ

މާވަށުގައި މަރާލި މޫސާ އިބްރާހިމް (29އ) ގެ ހަށިގަނޑު މިއަދުގެ މެންދުރު ނަމާދަށްފަހު ވަޅުލުމަށް ނިންމައިފިއެވެ.

މޫސަގެ ހަށިގަނޑު ވަޅުލުމަށް ހަމަޖެހިފައިވަނީ އާސަހަރާގައެވެ. ރޭގެ ވަގުތެއްގައި ރާއްޖެ ގެނައި މޫސަގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް އިންޑިއާއަށް ފޮނުވީ މީގެ ދެދުވަސް ކުރިންނެވެ.

ޖުލައި 28 ވަނަ ދުވަހު މާވަށުގައި ހިނގި މި މާރާމާރީއަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހިނގި ދެބަސްވުމެއްގެ ތެރެއިން ހިނގި ހާދިސާއެކެވެ. މި މައްސަލައިގައި މޫސައަށް ވަޅިން ހަމަލާދީ މަރާލާފައިވަނީ ހދ. ނޮޅިވަރަމްފަރު، އަސަރީމަންޒިލް، މުހައްމަދު އިބްރާހިމް (29އ) ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. މުހައްމަދު އިބްރާހިމްއަކީ މަސްތުވާތަކެތީގެ ކުށުގެ ރިކޯޑު އޮންނަ މީހެއް ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މޫސައަށް ދިން ހަމަލާއާ ގުޅިގެން ފަރުވާ ދިނުމަށް ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އޮތީ ނިޔާވެފައެވެ. މައުލޫމާތުގައިވާ ގޮތުން ވަޅިން ހަމަލާދީފައިވަނީ އޭނާގެ ކަރަށެވެ.

މި މާރާމާރީގައި ބޭނުންކުރި ކަމަށް ބެލެވޭ ވަޅި ހޯދާފައިވަނީ ފުލުހުންގެ ޓީމަކުން މޫދަށް ފީނައިގެންނެވެ. މި މައްސަލައިގައި ތުހުމަތުކުރެވޭ މުހައްމަދު އިބްރާހިމް ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

ފުލުހުން ގެންދަނީ މި ހާދިސާ ތަހުގީގު ކުރަމުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0