ޚަބަރު

އަބްދުއްރަހްމާންގެ މަރު: ތުހުމަތު ކުރެވޭ ބައެއްގެ ފޯނު ހިފަހައްޓައިފި

އޮގަސްޓް 10, 2025 - 14:17
 0
އަބްދުއްރަހްމާންގެ މަރު: ތުހުމަތު ކުރެވޭ ބައެއްގެ ފޯނު ހިފަހައްޓައިފި

އއ. މާޅޮހު އޯކިޑްމާގޭ އަބްދުއްރަހްމާން އާދަމް އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު މައްސަލައިގެ ތަހުގީގުގައި، ތިން މީހެއްގެ ފޯނު އަތުލައި، އެ މީހުންގެ ގެތައް ފުލުހުން ބަލައި ފާސްކޮށްފިއެވެ.

މަޢުލޫމާތުލިބޭ ގޮތުގައި މި ތިންމީހުންނަކީ އެ ރަށުގައި ވަޒީފާ އަދާކުރާ ތިން މީހުންނެވެ.

މި މައްސަލައާ ގުޅޭ ގޮތުން ލިބިފައިވާ މައުލޫމާތުން އެނގޭ ގޮތުގައި، ފުލުހުން މި ހޯދުންތައް ހޯދާފައިވަނީ ރޭގެ ވަގުތެއްގައެވެ. އެހެންނަމަވެސް، މި މައްސަލައިގެ ތަހުގީގުގައި ވަކިވަކިން ކުރާ މަސައްކަތްތަކުގެ މައުލޫމާތު ހާމަނުކުރުމަށް ނިންމާފައިވާ ކަމަށް ބުނެ، ފުލުހުން ވަނީ އިތުރު މައުލޫމާތު ދިނުމަށް އިންކާރުކޮށްފައެވެ.

މި މައްސަލައިގެ ތަހުގީގުގައި، މަރުހޫމްގެ އަނބިކަނބަލުން ނާޒިމާގެ ފޯނު ވެސް ކޯޓު އަމުރެއްގެ ދަށުން ވަނީ ހިފަހައްޓާފައެވެ. ނަމަވެސް، ފުލުހުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، އެ ފޯނު މިހާރު ވަނީ ނާޒިމާއާ އަނބުރާ ހަވާލުކޮށްފައެވެ.

މިދިޔަ ޖުލައި 13 ވަނަ ދުވަހުގެ ރޭ، 65 އަހަރުގެ އަބްދުއްރަހްމާން ވަނީ އޭނާގެ ގޭގައި ވަރުގަދަ ޒަހަމްތަކާއެކު ނިޔާވެފައި އޮއްވާ ފެނިފައެވެ. އޭނާ އެންމެ ފުރަތަމަ ފެނުނީ އޭނާގެ އަނބިކަނބަލުން ނާޒިމާއަށެވެ. އޭގެ ފަހުން އެ ރަށުގެ އެހެން ރައްޔިތުންނަށް ވެސް އޭނާ ފެނިފައިވެއެވެ.

ފުލުހުންގެ ފަރާތުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، އަބްދުއްރަހްމާންގެ ހަށިގަނޑުގެ އޮޓޮޕްސީ ރިޕޯޓުން ވެސް ދައްކާ ގޮތުގައި އޭނާ ނިޔާވެފައިވަނީ ބޮލަށް ދީފައިވާ އަނިޔާގެ ސަބަބުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0