ގައްދޫއިން ގެއްލުނު މީހާ ދުއްވި ޑިންގީ ކަނޑު އަޑިން ފެނިއްޖެ

ގދ.ގައްދޫން ފުރައިގެން އެ އަތޮޅު ގަމަށް ކުޑަ ޑިންގީއެއްގައި އެކަނި ދަތުރުކުރަމުން ދަނިކޮށް ގެއްލުނު، އުމުރުން 79 އަހަރުގެ ޒަކަރިއްޔާ މުޙައްމަދު ދުއްވި ޑިންގީ ގަމާއި ދިމާލުން ފުއްޓަރު ފަރާތު މޫދު އަޑިން ފެނިއްޖެއެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި ޒަކަރިއްޔާ މުޙައްމަދު ދުއްވި ޑިންގީ ފެނިފައިވަނީ ގދ.ގައްދޫއާއި ގަމުގެ ދެމެދުން އޮންނަ ކަނޑުއޮޅީގެ 10 މީޓަރ އަޑިންނެވެ.
ގައްދޫ ކައުންސިލުން މަޢުލޫމާތު ދެއްވި ގޮތުގައި ޑިންގީ ފެނިފައިވަނީ ޒަކަރިއްޔާ މުޙައްމަދު ހޯދުމަށް އެ ސަރަހައްދަށް "ސްނޯކްލިންގ" އަށް ފައިބައިގެން އުޅުނު ގައްދޫގެ ބަޔަކަށެވެ. ގައްދޫ އާއި ގަމާއި ދެމެދުން ޑިންގީގެ ނަގިލި ފެނުނު ސަރަހައްދަށް ގައްދޫގެ 21 މީހަކު ފީނައި ހެދިކަމަށާއި އޭގެ ތެރެއިން ޑިންގީ ފެނިފައިވަނީ ކަނޑު އޮޅި ކައިރިއަށް ފީނި 4 މީހަކަަށް ކަމަށް ކައުންސިލުން މަޢުލޫމާތުދެއެވެ.
ގައްދޫ ކައުންސިލުން "ވިރާސީ" އަށް މަޢުލޫމާތު ދެއްވަމުން ބުނެފައިވަނީ ގަމާއި ގައްދޫއާއި ދެމެދު ފުއްޓަރު ސަރަހައްދުގެ އަޑިން ޑިންގީއެއް ފެނިފައިވާ ކަމަށެވެ. އަދި އެ ޑިންގީއަކީ ގެއްލިގެން އުޅޭ ޑިންގީތޯ ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެމްއެންޑީއެފްއިން އިއްޔެ ހާމަކުރި ގޮތުގައި، ޒަކަރިއްޔާ މުޙައްމަދު ހޯދުމުގެ މިހާތަނަށް ކަނޑުމަގުން 2307.99 އަކަ ނޯޓިކަލް މޭލު އަދި ވައިގެމަގުން 3039.68 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލައި ފާސްކޮށްފައެވެ.
ތުއްތުބޭ ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރެވިފައިވަނީ ބުރާސްފަތިދުވަހުގެ ހަވީރު 17:05 ހާއިރުއެވެ. އެއާއެކު، ކޯސްޓްގާޑާއި ގައްދޫ ކައިރީ އޮންނަ އަޔާޑާ މޯލްޑިވްސް ލޯންޗްތަކުގެ އެހީގައި އޭނާ ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ދަނީ ކުރަމުންނެވެ. އަދި މި މަަސައްކަތުގައި ގައްދޫގެ މަސްވެރިންނާއި ޒުވާނުން އަދި މެރިން ޕޮލިސް ކެނޑިނޭޅި ހަރަކާތްތެރިވަމުން ދެއެވެ.
ރިއެކްޓް



