ތުރުކީން ރާއްޖެއަށް ހަދިޔާކުރި ހަނގުރާމަމަތީ މަނަވަރު ގެނެސްފި

ތުރުކީ އަސްކަރިއްޔާއިން ދިވެހިރާއްޖެއަށް ހަދިޔާ ކުރި ހަނގުރާމަމަތީ މަނަވަރު މިއަދު ރާއްޖެއަށް ގެނެސްފިއެވެ.
މި މަނަވަރު މިވަގުތު އޮތީ މާލެ ސަރަހައްދުގައި ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި ބޭއްވޭ ރަސްމިއްޔާތެއްގައި މި މަނަވަރު ރަސްމީކޮށް ރާއްޖެއަށް ހަވާލުކުރެވޭނެ ކަމަށްވެއެވެ.
ތުރުކީން ހަދިޔާ ކުރި މި މަނަވަރަކީ ޓީސީޖީ ވޮލްކަން (ޕީ-343) ނަމުގައި ފާހަގަކުރެވޭ އެޑޯގަން-ކްލާސްގެ މަނަވަރެކެވެ. މި މަނަވަރަކީ މިސައިލް ހަމަލާދިނުމުގެ ގާބިލުކަން ލިބިފައިވާ އުޅަނދެއް ކަމަށްވާއިރު، މި މަނަވަރު ފަރުމާކޮށްފައިވަނީ ޖަރުމަނުވިލާތުގެ ނަން މަޝްހޫރު ކުންފުންޏެއް ކަމަށްވާ ލޫރްސެން ވެރްފްޓްއިންނެވެ.
20 ވަނަ ގަރުނުގެ ފަހުކޮޅު ތުރުކީވިލާތުގެ ކަނޑުގެ ސިފައިންގެ ގާބިލުކަން އިތުރުކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ މި މަނަވަރަކީ ހާއްސަކޮށް ހާޕޫން އެންޓި-ޝިޕް މިސައިލްތަކާއެކު ތައްޔާރުކުރެވުނު ފުރަތަމަ ގިންތީގެ އުޅަނދުތަކުގެ ތެރެއިން އުޅަނދެކެވެ.
ދިވެހިރާއްޖޭގެ ދިފާއީ ވުޒާރާއިން މީގެ ކުރިން ހާމަކުރެއްވި ގޮތުގައި ތުރުކީން މި މަނަވަރު ރާއްޖެއަށް ހަދިޔާކުރަން ނިންމާފައިވަނީ ދިވެހިރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށް އެހީތެރިވުމުގެ ގޮތުންނެވެ. އަދި މި މަނަވަރު ރާއްޖެއަށް ލިބުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މިންނެތް މަސައްކަތްޕުޅުގެ ނަތީޖާއެއް ކަމުގައި ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ.
މި މަނަވަރު ރާއްޖެއަށް ލިބުމާއެކު ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ގާބިލުކަން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ.
ރިއެކްޓް



