ބައި ގަޑިއިރަށް ވުރެ ގިނައިރު ބާރު ސްޕީޑުގައި ފިލަން ދުއްވި ކާރު ހުއްޓުވައި 2 މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭގައި ނުރައްކާތެރިކޮށް ބާރު ސްޕީޑްގައި ފުލުހުންނަށް ފިލަން ދުއްވި ކާރެއް ހުއްޓުވައި އަންހެނަކާއި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މަޢުލޫމާތު ދެއްވި ގޮތުގައި، ހުޅުމާލޭގައި ބާރު ސްޕީޑްގައި ނުރައްކާތެރިކޮށް ދުއްވަމުން ދިޔަ ކާރެއް މަޑުކުރުމަށް އެންގުމުން، އެ އެންގުމަށް ތަބާނުވެ ފޭސް އެކަކާއި ފޭސް ދޭއްގައި ބާރު ސްޕީޑްގައި ދުއްވަމުން ދިޔުމުން، ފުލުހުންގެ ސައިކަލުން އެ ކާރު ފަހަތުން ޖައްސައި ވައްޓާލާފައިވެއެވެ.
ނަމަވެސް އެ ސަރަހައްދުގައި އެވަގުތު ހުރި މީހަކު ހާމަކުރި ގޮތުގައި، އެ ކާރު ހުއްޓުވީ ފުލުހުންގެ ސައިކަލެއް ކާރުގެ ކުރިމައްޗަށް އަރައިގެން ކަމަށާއި، ކާރު މަޑުވެފައިވަނީ ސައިކަލުގައި ޖެހުމުންނެވެ. މި "ހައިސްޕީޑް ޗޭސް" ފެށުނީ ހުޅުމާލޭ ފޭސް 1 ގެ މޭރީބްރައުން ކައިރިން ކަމަށާއި، ބައިގަޑިއިރަށް ވުރެ ގިނަ ވަގުތު މި ދުއްވުން ދެމިގެން ދިޔަ ކަމަށް އޭނާ ބުނެފައިވެއެވެ.
މި ހާދިސާގައި ފުލުހުންގެ ސައިކަލުގައި ތިބި ދެ ފުލުހުންގެ ތެރެއިން އެއް ފުލުހަކަށް އަނިޔާވެ، މިވަގުތު ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
މި ހާދިސާއާ ގުޅިގެން ކާރު ދުއްވި ފިރިހެންމީހާ އާއި ކާރުގައި އިން އަންހެންމީހާ ވަނީ ހައްޔަރުކޮށްފައެވެ. އަދި މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.
ރިއެކްޓް



