އަނެއްކާވެސް ސްޓެލްކޯގެ ސަބް ސްޓޭޝަނެއްގެ ކޭބަލްތައް ބުރިކޮށްލައިފި

މާލޭގެ ފަރީދީ މަގުގައި ހުންނަ ސްޓެލްކޯގެ ސަބް ސްޓޭޝަނަކަށް ވަދެ، އެތަނުގައި ހުރި ކޭބަލްތަކެއް ބުރިކޮށްލާފައިވާ މައްސަލައެއް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ އިއްޔެ ރޭ 9:46 ހާއިރު ފަރީދީ މަގުގެ ގަޑިބުރު ސަރަހައްދުގައި ހުންނަ ސްޓެލްކޯގެ ސަބް ސްޓޭޝަނުގައެވެ. އަދި މި ހާދިސާގައި ބަޔަކު އެތަނަށް ވަދެ، އެތަނުގައި ހުރި ކޭބަލްތަކެއް ބުރިކޮށްލާފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން އެއްވެސް ފަރާތެއް ހައްޔަރުކޮށްފައިވޭތޯ މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މި މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
ފާއިތުވި އަހަރުތަކުގައިވެސް މިފަދަ އެތައް ހާދިސާއެއް ހިނގާފައިވާއިރު، މިފަދަ ހާދިސާތަކުގެ ސަބަބުން ގިނަ ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑި، އަދި ސްޓެލްކޯއަށް ބޮޑެތި ގެއްލުންތައް ވަމުންދާކަން ފާހަގަކުރެވެއެވެ.
މިފަދަ ހާދިސާތައް ހުއްޓުވުމަށް ސަބް ސްޓޭޝަންތަކުގެ ސެކިއުރިޓީ ވަރުގަދަ ކުރުމަށް ސްޓެލްކޯއިން މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ކުރިން އެ ކުންފުނިން ބުނެފައިވެއެވެ.
ރިއެކްޓް



