ރަޝިއާއަށް އަނެއްކާވެސް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ރަޝިއާގެ ކުރިލް އައިލެންޑްސް ސަރަހައްދަށް އަނެއްކާވެސް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.
މި ބިންހެލުން އައިސްފައިވަނީ 6.1 މެގްނެޓިއުޑްގެ ބާރުމިނުގައެވެ.
މި ސަރަހައްދަށް ފާއިތުވި ދުވަސްތަކުގައި އައިސްފައިވާ ބިންހެލުންތަކުގެ ތެރެއިން އެންމެ ބާރުގަދަ ބިންހެލުމަކީ ޖުލައި 30 ވަނަ ދުވަހު އައި 8.8 މެގްނެޓިއުޑްގެ ބިންހެލުމެވެ. މިއީ އެ ސަރަހައްދަށް އައި އެންމެ ބާރުގަދަ ބިންހެލުންތަކުގެ ތެރެއިން އެއް ބިންހެލުމެވެ.
އޭގެ ފަހުން ވެސް މި ސަރަހައްދަށް ވަނީ ގިނަ އަދަދެއްގެ ބިންހެލުންތަކެއް އައިސްފައެވެ. އެގޮތުން އޮގަސްޓް 3 ވަނަ ދުވަހު 6.7 މެގްނެޓިއުޑްގެ ބިންހެލުމަކާއި، އޮގަސްޓް 1 ވަނަ ދުވަހު 6.2 މެގްނެޓިއުޑްގެ ބިންހެލުމެއް އައިސްފައިވެއެވެ. އަދި ޖުލައި 31 ވަނަ ދުވަހު 6.5 މެގްނެޓިއުޑްގެ ބިންހެލުމެއް ވެސް މި ސަރަހައްދަށް އައިސްފައިވެއެވެ.
ކުރިލް އައިލެންޑްސްއަކީ ރަޝިއާގެ އިރުމަތީ ސަރަހައްދުގައި އޮންނަ ޖަޒީރާތަކެކެވެ. މި ސަރަހައްދަކީ ބިންހެލުން ގިނައިން އަންނަ ސަރަހައްދެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. އެއީ މި ސަރަހައްދު ހިމެނެނީ ޕެސިފިކް ރިންގް އޮފް ފަޔަރ ގެ ތެރޭގައި ކަމަށްވާތީއެވެ.
މި ސަރަހައްދަށް މިހާ ގިނައިން ބިންހެލުން އައުމަކީ ކަންބޮޑުވާންޖެހޭ ކަމެއްގެ ގޮތުގައި ސައިންސްވެރިން ފާހަގަކުރެއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މި ސަރަހައްދަށް އިތުރު ބިންހެލުންތައް އައުމުގެ ފުރުސަތު އޮތްކަމަށް ބެލެވެއެވެ.
ރިއެކްޓް



