މަދު ދުވަސްކޮޅެއްގެ ތެރޭގައި ތޭރަ މަޖިލިސް މެންބަރުން ޕީއެންސީން ވަކިވާނެ: އައްބާސް

ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ޕީއެންސީއަށް ނިސްބަތްވާ މަޖިލިސް މެންބަރުންގެ ތެރެއިން 13 ނުވަތަ 14 މެންބަރުން ޕީއެންސީ ދޫކުރައްވާނެ ކަމަށް މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު، މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.
އައްބާސް މިހެން ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ފޭސްބުކް ޕޭޖުގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި އައްބާސް ވިދާޅުވެފައިވަނީ، މެންބަރުން ގޮނޑި ގެއްލުނަސް ހެޔޮކަމަށް ނިންމަވައި، ޤައުމާއި ރައްޔިތުންގެ ހައްޤުގައި ޕީއެންސީ ދޫކޮށް ރައްޔިތުންގެ ފަޅިއަށް އަރާނެކަން ޔަޤީން ކަމަށެވެ.
މިގޮތުން އިއްޔެ ބޭއްވުނު ޕީއެންސީ ޕީޖީ ގްރޫޕްގެ ބައްދަލުވުމުގައި މެންބަރުންގެ ކަންބޮޑުވުންތައް ފާޅުކުރައްވަމުން، ބައެއް މެންބަރުން ވިދާޅުވެފައިވަނީ ސަރުކާރުން ގެންގުޅުއްވަމުން ގެންދަވާ ނުރަނގަޅު ސިޔާސަތުތަކަށް ބަސްނުބުނެ އަބަދު މަންމަނުވެފައި ނުތިބެވޭނެ ކަމަށާއި، ޤައުމާއި ރައްޔިތުންގެ ހައްޤުގައި ހައްޤު ބަސް ބުނަން ނިކުންނާނެ ކަމަށް އައްބާސްގެ ޕޯސްޓުގައި ފާހަގަކުރެއްވިއެވެ.
އައްބސް ވިދާޅުވީ އެ ބައްދަލުވުމުގައި މެންބަރުން ފާޅުކުރެއްވި ކަންބޮޑުވުންތަކުގެ ތެރޭގައި، ރައީސް ޑރ. މުޢިއްޒު މަޖިލިސް މެންބަރުންނާ މަޝްވަރާކުރެއްވުމެއް ނެތި ކުއްލި ކުއްލިއަށް ކަންކަން ކުރައްވާތީ އެކަމާ ހިތްހަމަނުޖެހޭ ކަމަށެވެ. އަދި ރައްޔިތުންނާ ގުޅުންހުރި ބިލުތަކަށް ވޯޓު ނުދެއްވާނެ ކަމަށް ގިނަ މެންބަރުން ވިދާޅުވި ކަމަށާއި ދާއިރާތަކުގެ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ނުދާ ކަމަށާއި، ހަމައެކަނި ބިންގާ އެޅުމާއި އިޢުލާންކުރުން ފިޔަވައި އިތުރު ކަމެއް ނުކުރެވޭ ކަމަށް މެންބަރުން ފާހަގަކުރެއްވި ކަމަށް އައްބާސްގެ ޕޯސްޓުގައި ބުނެފައިވެއެވެ.
ޚާއްޞަކޮށް ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އަދި މަނަދޫ ދާއިރާގެ މެންބަރު ހުސްނީ ވަނީ ސަރުކާރުގެ ސިޔާސަތުތަކާމެދު ހަރުކަށި ފާޑުކިޔުންތަކެއް އަމާޒުކުރައްވާފައި ކަމަށާއި މިކަން މިގޮތަށް ތަކުރާރުވާނަމަ ޖުޑިޝަރީ ކޮމިޓީގެ މުޤައްރިރުކަމުން އިސްތިއުފާ ދެއްވާނެ ކަމަށް ހުސްނީ ވިދާޅުވި ކަމަށް އައްބާސްގެ ޕޯސްޓުގައި ފާހަގަކުރެއްވިއެވެ.
އައްބާސް އަކީ ޕީއެންސީގެ ޕީޖީ ގްރޫޕުގައި ހިމެނޭ ބޭފުޅަކަށް ނުވި ނަމަވެސް އައްބާސް އަށް މި މަޢުލޫމާތުތައް އެނގިލައްވާކަން އައްބާސް ވަނީ އެހެން ޕޯސްޓެއްގައި ވިދާޅުވެފައެވެ. އައްބާސް ވިދާޅުވީ އެމަނިކުފާނުގެ އަތުގައި ޕީއެންސީ ޕީޖީ ގްރޫޕިުގެ ބައްދަލުވުމުގެ ރިކޯޑިންގ އެއް އޮތް ކަމަށެވެ.
ރިއެކްޓް



