ދެ ރަށެއްގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފި

ފ. ބިލެތްދޫ އަދި މ. ކޮޅުފުށީގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މި ދެ މީހުންގެ ތެރެއިން ކޮޅުފުށީގައި ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރި ފަރާތަކީ މ. ކޮޅުފުށި / އުނިމާގެ، އަޙްމަދު ހުމައިދު (30އ) އެވެ.
ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، އަޙްމަދު ހުމައިދު ހައްޔަރުކޮށްފައިވަނީ ކޮޅުފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ. މި މަހުގެ 8 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ކޮޅުފުށީ ބަނދަރުމަތިން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 8 ރަބަރު ޕެކެޓު ފެނިފައިވެއެވެ.
ދެވަނަ މައްސަލައިގައި، މަސްތުވާތަކެތި ގެންގުޅެ އެ ތަކެތި ބޭނުންކުރާކަމުގެ ތުހުމަތުގައި ފ. ބިލެތްދޫއިން ހައްޔަރުކޮށްފައިވަނީ ހދ. ނޭކުރެންދޫ / ގުލޭނޫރަންމާގެ، ދާޢޫދު ޢަބްދުއްސައްތާރު (43އ) އެވެ. މި މަހުގެ 7 ވަނަ ދުވަހު ބިލެތްދޫ ބަނދަރުމަތިން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާކަމަށް ފުލުހުން މައުލޫމާތު ދެއްވިއެވެ.
މި މައްސަލަތަކާ ގުޅިގެން ހައްޔަރުކުރެވުނު ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އަޙްމަދު ހުމައިދު 30 ދުވަހުގެ މުއްދަތަށް އަދި ދާޢޫދު ޢަބްދުއްސައްތާރު 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.
ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި މި ދެ މައްސަލަތައް ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ.
ރިއެކްޓް



