ޚަބަރު

އީޕީއޭ ގެ ނަން އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ އަށް ބަދަލުކުރަނީ

އޮގަސްޓް 12, 2025 - 19:18
އޮގަސްޓް 12, 2025 - 19:28
 0
އީޕީއޭ ގެ ނަން އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ އަށް ބަދަލުކުރަނީ

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުގެ ދަށުން ހިނގަމުންދާ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ނަން "އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ" އަށް ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި ބަދަލު ގެނެސްފައިވަނީ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުންނެވެ. މި ބަދަލާއެކު، މިހާތަނަށް ގަވަރނިންގ ބޯޑެއްގެ ލަފާގެ ދަށުން ހިންގަމުން އައި އިދާރާ، ސީދާ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުގެ ދަށުން ހިނގާ އިދާރާއެއްގެ ގޮތުގައި ވަނީ ހަމަޖެހިފައެވެ.

ރައީސް އޮފީހުން ހާމަކުރި ގޮތުގައި، މި ބަދަލު ގެނައުމުގެ މައިގަނޑު މަޤްޞަދަކީ އިދާރާގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކޮށް، ހަލުވިކުރުމެވެ. އަދި އެ އިދާރާއިން ކުރަމުންގެންދާ މައިގަނޑު މަސައްކަތްތަކާ ވީހާވެސް ގުޅުންހުރި ނަމެއް ހަމަޖެއްސުމެވެ.

އީޕީއޭއިން މިހާތަނަށް ކުރަމުން އައި މައިގަނޑު މަސައްކަތްތަކަކީ ދިވެހިރާއްޖޭގެ ތިމާވެށްޓާބެހޭ ކަންކަން ރެގިއުލޭޓްކުރުމާ ގުޅުންހުރި މަސައްކަތްތަކެއް ކަމަށްވާތީ، އައު ނަން މި އިދާރާގެ މަސައްކަތްތަކާ އިތުރަށް ގުޅޭކަމަށް ވެސް ރައީސް އޮފީހުން ފާހަގަކޮށްފައިވެއެވެ.

މި ބަދަލާއެކު، އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީގެ ގޮތުގައި އަލުން އެކުލަވާލެވުނު މި އިދާރާއިން، ކުރިއަށް އޮތް ތަނުގައި ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0