ޚަބަރު , ސިޔާސީ

ރައްޔިތުންނާ ގުޅުން ހުރި ކަންކަން ނިންމުމަށް މަޖިލީހުގެ ދައުރު ދަންމާލައިފި

އޮގަސްޓް 12, 2025 - 12:13
 0
ރައްޔިތުންނާ ގުޅުން ހުރި ކަންކަން ނިންމުމަށް މަޖިލީހުގެ ދައުރު ދަންމާލައިފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންނާ ގުޅުންހުރި ބިލުތަކާއި މަސައްކަތްތައް ނިންމުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މިހާރު ހިނގަމުންދާ ދައުރު އޮގަސްޓް 21 އާ ހަމައަށް ދަންމާލުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކޮށްފައެވެ.

މިއަދުގެ ޖަލްސާ ފެށްޓެވުމާއެކު، ރިޔާސަތުން އަންގަވާ އެންގެވުމެއްގެ ގޮތުގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި ގޮތުގައި މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މިހާރު ހިނގަމުންދާ ދައުރު ނިމެން އޮތީ އަންނަ ހުކުރު ދުވަހުގައި ކަމަށާއި މި ދައުރުގައި މަޖިލީހުން ނިންމަންޖެހޭ މުހިންމު މަސައްކަތްތަކެއް ހުރުމާއެކު، އޮގަސްޓް 21 އާ ހަމައަށް ދައުރު އިތުރުކުރުމަށް ނިންމުމަށް މިއަދުގެ ޖަލްސާގައި ވޯޓަށް އަހާނެ ކަމަށެވެ.

މިއަދުގެ ޖަލްސާގައި ދައުރު ދަންމާލުމާ ގުޅޭގޮތުން ނެގުނު ވޯޓުގައި ބައިވެރިވި 69 މެންބަރުންގެ ތެރެއިން 59 މެންބަރުން ވަނީ ދައުރު ދަންމާލުމަށް ތާއީދުކުރައްވާފައެވެ. އަދި 10 މެންބަރުން ވަނީ އެކަމާ ދެކޮޅު ހައްދަވާފައެވެ.

އެހެންނަމަވެސް، އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް މެންބަރުން ވަނީ މިއީ ހުށަހެޅިފައިވާ ބިލުތައް "އަވަސް އަރުވާލައިގެން" ނިންމުމަށް ކުރާ ކަމެއް ކަމަށް ތުހުމަތުކޮށް ފާޑުކިޔާފައެވެ.

އެމްޑީޕީގެ މެންބަރުންގެ ވާހަކަތަކަށް ރައްދު ދެއްވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ މިއީ ކަންކަން އަވަސްއަރުވާލައިގެން ނިންމުމަށް ކުރާ ކަމެއް ނޫން ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުން އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭނީ ރައްޔިތުންނާއި ގުޅުންހުރި ކަންކަން ނިންމުމަށް ކަމަށެވެ.

"މަޖިލީހުން އެންމެ ބޮޑަށް އިސްކަން ދޭންޖެހޭނީ ރައްޔިތުންނާ ގުޅުން ހުރި ކަންތައްތަކަށް. އެކަންކަން ނިންމާފަ ޗުއްޓީއަށް ދިއުން އެއީ ރައްޔިތުންނާ މެންބަރުންނާ ދެމެދު އޮންނަ އިތުބާރު އިތުރަށް ވަރުގަދަވެގެންދާނެ ކަމެއް" ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މަޖިލީހުގެ މަސައްކަތްތައް ނިންމުމަށް މީގެ ކުރިންވެސް ދައުރު ދަންމާލާފައިވާއިރު، ޕީއެންސީގެ ޕީޖީ ގްރޫޕުން މިފަދަ މަސައްކަތްތައް އަވަސްކުރުމަށް ޚާއްސަ ސަމާލުކަމެއް ދެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0