ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ގިނަ އަދަދެއްގެ ބަނގުރާ މިއަދު ދޫނިދޫގައި ނައްތާލައިފިއެވެ.
މިގޮތުން ނައްތާލާފައިވަނީ ޑްރަގް އެންފޯސްމަންޓް، ޓޫރިސްޓު ޕޮލިސް އަދި ހުޅުމާލެ ޕޮލިހުގެ ބެލުމުގެ ދަށަށް އެކި މައްސަލަތަކާ ގުޅިގެން ގެނެސްފައިވާ ބަނގުރަލެވެ. ނައްތާލި ތަކެތީގެ ތެރޭގައި 1,432 ފުޅި ބަނގުރަލާއި، 299 ދަޅު ބަނގުރާގެ އިތުރުން އެހެނިހެން 92 އައިޓަމް ހިމެނެއެވެ.
ފުލުހުންގެ ފަރާތުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ތަކެތި ނައްތާލުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުންނެވެ.
މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އެކަމަށް ޚާއްޞަކޮށް އެކުލަވާލާފައިވާ ކޮމެޓީއެއްގެ ބެލުމުގެ ދަށުންނެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މިފަދަ ތަކެތި ނައްތާލުމުގެ މަސައްކަތް ވަކި އުސޫލުތަކެއްގެ މަތިން ގަވާއިދުން ކުރިއަށް ގެންދެއެވެ.
ރިއެކްޓް



