ޚަބަރު

އޭދަފުށީގައި 80 މިލިއަން ރުފިޔާގެ ޔުނިވާސިޓީ ކެމްޕަހެއް ތަރައްޤީކުރަނީ

އޮގަސްޓް 12, 2025 - 08:37
 0
އޭދަފުށީގައި 80 މިލިއަން ރުފިޔާގެ ޔުނިވާސިޓީ ކެމްޕަހެއް ތަރައްޤީކުރަނީ
އޭދަފުށީގައި އެމްއެންޔޫ ކެމްޕަސް އިމާރާތްކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

ބ. އޭދަފުށީގައި 80 މިލިއަން ރުފިޔާގެ ޔުނިވާސިޓީ ކެމްޕަހެއް ތަރައްގީކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.

މި މަޝްރޫއަކީ އޭދަފުށީގައި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ކެމްޕަހެއް ތަރައްގީކުރުމުގެ މަޝްރޫއެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރޭ އޭދަފުށީގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. އެއްބަސްވުމުގައި އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލާ ޑރ. އައިޝަތު ޝެހެނާޒް އާދަމް އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔަޑް) އަހުމަދު ސައުދީއެވެ.

އެމްޓީސީސީން ހާމަކުރި މައުލޫމާތުގެ ދަށުން، މި މަޝްރޫއުގެ ދަށުން 6،000 އަކަފޫޓުގެ ސަރަހައްދެއްގައި ދެ ފަންގިފިލާގެ ދަރިވަރުންގެ އެކޮމޮޑޭޝަން ބްލޮކެއް އަދި 3،200 އަކަފޫޓުގެ ސަރަހައްދެއްގައި ދެ ފަންގިފިލާގެ މުވައްޒަފުންގެ އެކޮމިޑޭޝަން ބްލޮކެއް ހަދާނެއެވެ.

މީގެ އިތުރުން މި މަޝްރޫއުގެ ދަށުން 3،000 އަކަފޫޓުގެ ސަރަހައްދެއްގައި ދެ ފަންގިފިލާގެ އެޑްމިނިސްޓްރޭޓިވް ބްލޮކެއް ހަދާނެއެވެ. އަދި 4،000 އަކަފޫޓުގެ ސަރަހައްދެއްގައި ދެ ފަންގިފިލާގެ ކްލާސްރޫމް ބްލޮކަކާއި، ހަމަ އެ ސައިޒުގެ ސަރަހައްދެއްގައި ދެ ފަންގިފިލާގެ އެކަޑެމިކް ފެސިލިޓީޒް ބްލޮކެއްވެސް ހަދާނެއެވެ.

މި މަޝްރޫއު ފުރިހަމަވުމުން އޭދަފުށީގެ ޒުވާނުންނަށް މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. އަދި އަތޮޅުގެ އެހެން ރަށްރަށުގެ ދަރިވަރުންނަށްވެސް މި ފުރުސަތު ލިބިގެންދާނެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0