މާމަޑުއްވަރީ އެއްބަސްވުން އުވާލައި، ހިތާދޫ އާއި ހަވާލުކުރަން ރައީސް ނިންމަވައިފި

ޓޫރިޒަމްގެ ބޭނުމަށް ދޫކޮށްފައިވާ މާމަޑުއްވަރީގެ އެއްބަސްވުން އުވާލައި، އެރަށް ބ. ހިތާދޫއާ ހަވާލުކުރެއްވުމަށް ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ހާމަކުރައްވައިފިއެވެ.
މާޅޮސްމަޑުލު ދެކުނުބުރީގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ހިތާދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ، "މާމަޑުއްވަރީއަކީ ތާރީޚީގޮތުން ހިތާދޫ ރައްޔިތުންގެ ވަރަށް ބޮޑު ހިއްސާއެއް އޮތް، އިގްތިސާދީގޮތުން ފައިދާތަކެއް ހޯދާފައިވާ ރަށެއް" ކަމަށެވެ. އަދި މިހާރު ޓޫރިޒަމް އެގްރިމެންޓެއްގެ ދަށުން ބަޔަކާ ހަވާލުކުރެވި ގިނަ ދުވަސްވެފައިވާ ނަމަވެސް، އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުދާތީ، ގާނޫނީ އިމުގެ ތެރެއިން އެއްބަސްވުން ނިމުމަކަށް ގެނެސް އެރަށް ހިތާދޫއާ ހަވާލުކުރެއްވުމަށް ނިންމަވާފައިވާ ކަމަށް އެމަނިކުފާނު ހާމަކުރެއްވިއެވެ.
ރައީސްގެ މި ދަތުރުފުޅުގައި ހިތާދޫގައި މުހިންމު ދެ މަޝްރޫޢެއްގެ އެއްބަސްވުމުގައި ވަނީ ސޮއިކުރެވިފައެވެ. އެއީ ރަށު ސްކޫލުގެ މަލްޓިޕަރޕަސް ހޯލް އިމާރާތްކުރުމުގެ މަޝްރޫޢާއި ހިތާދޫ ބިން ހިއްކުމުގެ މަޝްރޫޢެވެ. މި މަޝްރޫޢުތަކުގެ ސަބަބުން ރައްޔިތުންނަށް ލިބިގެންދާނެ ފައިދާތަކަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، ސްކޫލް ހޯލް ނިމޭއިރު އެހެނިހެން ވަސީލަތްތައްވެސް ފުރިހަމަވެގެންދާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.
އިތުރުން، ހިތާދޫގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް ހެލްތު ސެންޓަރު ތަރައްޤީކުރުމުގެ މަސައްކަތްވެސް ފެށިގެންދާނެ ކަމަށް ރައީސް ހާމަކުރެއްވިއެވެ. މި މަޝްރޫޢުގެ ދަށުން ލެބޯޓްރީގެ ޚިދުމަތާއި ޑަޔަލިސިސްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ވަނީ ރޭވިފައެވެ. އަދި ހިތާދޫގެ ތަރައްޤީއަށް ވެވަޑައިގެންފައިވާ ހަތަރު ވަޢުދެއް ފުއްދުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރިއެކްޓް



