ކަމަދޫ ސްކޫލުގެ އާ އިމާރާތް އެޅުމަށް އެއްބަސްވުމުގައި ސޮއިކޮށްފި

ބ. ކަމަދޫ ސްކޫލަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން އެ ސްކޫލުގައި އައު އިމާރާތެއް ތަރައްޤީކުރުމަށް މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ފަހި ދިރިއުޅުން ކޯޕަރޭޝަން ދެމެދުގައެވެ.
ފަސްސަތޭކައެއްހާ މީހުންގެ އާބާދީއެއް އޮންނަ ކަމަދޫގައި ހުންނަ މި ސްކޫލަކީ 80 އަކަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުންދާ ސްކޫލެކެވެ. އެއް ދަންފަޅިއަށް ހިންގާ މި ސްކޫލުގައި އެލްކޭޖީ އިން ފެށިގެން ގްރޭޑް 10 އާ ހަމައަށް ކިޔަވައިދެމުން ގެންދެއެވެ. ނަމަވެސް ޖާގައިގެ ދަތިކަމަކީ މި ސްކޫލަށް ކުރިމަތިވެފައިވާ ދުވަސްވީ މައްސަލައެކެވެ.
މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ސަރުކާރުން ވަނީ 5.4 މިލިއަން ރުފިޔާއަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން އައު ދެ ކްލާސްރޫމްގެ އިމާރާތެއް އެޅުމަށް ނިންމާފައެވެ. މި އެއްބަސްވުމުގައި ތަޢުލީމީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓަރު، ޑރ. އިސްމާޢިލް ޝަފީޢު އެވެ. އަދި ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙަމްދާން ޝަކީލް އެވެ.
ކަމަދުއަށް ކުރެއްވި ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ، "ކަމަދޫ ސްކޫލަކީ ޖާގަ ކުޑަ އަދި އިތުރު ވަސީލަތްތައް ބޭނުންވާ ސްކޫލެއް. މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން އަޅާ އިމާރާތާއެކު އެކަން ހައްލުވެގެންދާނެ" ކަމަށެވެ. އަދި ކަމަދޫ ސްކޫލަކީ ވަސީލަތުގެ ގޮތުންނާއި ޖާގައިގެ ގޮތުންވެސް ރަށަށް ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަވާ ފެންވަރުގެ ސްކޫލެއްގެ ގޮތުގައި ހައްދަވައިދެއްވާނެކަމުގެ ޔަގީންކަންވެސް ރައީސް ވަނީ ދެއްވާފައެވެ.
މި މަޝްރޫޢު ނިމުމުން ސްކޫލަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން ހައްލުވެގެންދާނެކަމަށް ސަރުކާރުން ވަނީ ފާހަގަކުރައްވާފައެވެ.
ރިއެކްޓް



