ތަޖުރިބާ ދަތުރުތަކުގެ ނަމުގައި ކައުންސިލްތަކުން ބޭކާރު ދަތުރުތައް ކޮށްފައިވޭ: ރައީސް

ތަޖުރިބާ ދަތުރުގެ ނަމުގައި ރައްޔިތުންނަށް އަދި ރަށަށް އެއްވެސް ފައިދާއެއް ނުވާ ބޭކާރު ދަތުރުތައް ބައެއް ކައުންސިލްތަކުން ރާއްޖެއިން ބޭރަށް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ބ. އަތޮޅު ކެންދޫއަށް ކުރެއްވި ދަތުރުފުޅުގައި ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިފަދަ ދަތުރުތައް ކުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށެވެ.
"ތަޖުރިބާގެ ދަތުރު ކިޔާފަ އެއްވެސް ރަށެއްގެ ރައްޔިތަކަށް ނޫނީ އަތޮޅަކަށް ފައިދާ ނުވާނޭ، ފައިދާ ނުހޯދޭނެ ތަންތަނަށް ގައުމުތަކަށް އެބަދޭ ބްލޮކް ގްރާންޓުގެ ގޮތުގައި މިދޭ ފައިސާ ބޭނުންކޮށްގެން ނޫނީ އާމްދަނީގެ ގޮތުގައި ހޯދާ ފައިސާ ބޭނުންކޮށްގެން ބައެއް ކައުންސިލްތަކުން. އެއީ ޒިންމާދާރު ގޮތެއް ނޫން." ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި ބައެއް ކައުންސިލްތަކުން ބްލޮކް ގްރާންޓުގެ ގޮތުގައި ދޭ ފައިސާއާއި އާމްދަނީގެ ގޮތުގައި ހޯދާ ފައިސާވެސް ބޭނުންކޮށްގެން ޒިންމާދާރުކަން ކުޑަ ގޮތެއްގައި ގިނަ ގައުމުތަކަށް ދަތުރުކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގެ ބައެއް ރަށުކައުންސިލް އަދި އަތޮޅު ކައުންސިލްތަކުން ތަޖުރިބާ ދަތުރުތަކުގެ ނަމުގައި ރާއްޖެއިން ބޭރަށް ދަތުރުކުރާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ދިއްގަރު ދާއިރާގެ މެންބަރު ނަޒިމްވެސް ވަނީ މީގެ ކުރިން ފާހަގަކުރައްވާފައެވެ.
ރައީސްގެ ވާހަކަފުޅުގައި ކައުންސިލްތައް މަޖުބޫރުކޮށްގެން މާލެ ގެންގޮސް ރައީސް އޮފީހުގައި ބައިތިއްބައިގެން ކަންތައް ކުރިއަށް ގެންދަން ވިސްނާވަޑައިނުގަންނަވާ ކަމަށާއި، އޭގެ ބަދަލުގައި އެމަނިކުފާނާއި ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން ރައްޔިތުންގެ ގާތަށް ވަޑައިގެން ކައުންސިލްތަކާ ބައްދަލުކުރައްވަމުން ގެންދަވަނީ ލާމަރުކަޒީ އުސޫލުން ކަންތައް ކުރެއްވުމުގެ ވިސްނުން ސަރުކާރުން ގެންގުޅުއްވާތީ ކަމަށް ވިދާޅުވިއެވެ.
"ލާމަރުކަޒީކޮށް ޚިދުމަތް ދިނުން އެއީ އަޅުގަނޑު ހިތުގެ އަޑިން ފުރިހަމައަށް ގަބޫލުކުރާ ކަމެއް. އަދި އަޅުގަނޑު އެކަމުގައި ވަރަށް ފުޅާ ދާއިރާއެއްގައި އުޅެފައި ހުރި ކަމެއް އެއީ. އެހެންވީމާ އަޅުގަނޑަށް އެނގޭ ލާމަރުކަޒީ ނިޒާމުގެ މުހިންމުކަމާއި އޭގެ ފައިދާއާއި އެކަން ކުރެވޭނެ ގޮތް،" ރައީސް ވިދާޅުވިއެވެ.
ލާމަރުކަޒީ ނިޒާމަކީ އެއަށްވުރެ މާ ޒިންމާދާރު އަދި ރައްޔިތުންނަށް ވަރަށް މުހިންމު ނިޒާމެއް ކަމަށާއި، އެ ނިޒާމުގެ ތެރެއިން ކަންތައް ކުރަންވާނީ އިޚްލާޞްތެރިކަމާއި ޒިންމާދާރުކަމާއެކު ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކޮންމެ ޕާޓީއަކުން އިންތިޚާބުވެފައި ތިބި ކައުންސިލަރުންނަށް ވިޔަސް، ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ހަމަހަމަކޮށް ޚިދުމަތް ފޯރުކޮށްދޭން ޖެހޭނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ރިއެކްޓް



