ޚަބަރު

ފުޅާދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކުރަމުންދިޔަ ހަތަރު ބިދޭސީން ހައްޔަރުކޮށްފި

އޮގަސްޓް 13, 2025 - 16:43
 0
ފުޅާދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކުރަމުންދިޔަ ހަތަރު ބިދޭސީން ހައްޔަރުކޮށްފި
ފޮޓޯ: ފުލުހުން

މާލޭގައި ފުޅާދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކުރަމުންދިޔަ ހަތަރު ބިދޭސީން ހައްޔަރުކޮށް، އެމީހުން ޑީޕޯޓްކުރުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފިއެވެ.

ފުލުހުން މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި އިންޑިއާގެ ތިން ރައްޔިތުންނާއި ބަންގްލަދޭޝްގެ އެއް ރައްޔިތަކު ހިމެނެއެވެ. އެގޮތުން ހައްޔަރުކުރެވުނު މީހުންނަކީ 32 އަހަރުގެ މުތުމަގޭޝް މުރުގާން އާއި، 42 އަހަރުގެ ދޭވާރާޖް ޖެބްރާޖް އާއި، 38 އަހަރުގެ ޒެނިތް ފްރެންސިސް އަދި 37 އަހަރުގެ އަބްދުލް މަންނާން އެވެ.

ފުލުހުންގެ މައުލޫމާތު ދޭގޮތުގައި މި ހަތަރު ބިދޭސީން ހައްޔަރުކޮށްފައިވަނީ އޮގަސްޓު 11 ވަނަ ދުވަހު މާލޭގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަނަކީ ގަވާއިދާ ޚިލާފަށް ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހިންގުނު އޮޕަރޭޝަނެކެވެ.

ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި، ތުހުމަތުކުރެވުނު މީހުން ދިރިއުޅޭ ގެ ބަލައި ފާސްކުރެވުނެވެ. މި ބަލައި ފާސްކުރުމުގައި ބަނގުރާ ކަމަށް ބެލެވޭ 500 އެމްއެލްގެ 511 ފުޅި އާއި، ކުށްކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފައިސާގެ އިތުރުން ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ސާމާނު ހޯދިފައިވެއެވެ.

މި މައްސަލައިގެ ތަހުގީގު މިހާރު ދަނީ ފުލުހުންގެ ފަރާތުން ކުރިއަށެވެ. އަދި މި މައްސަލައިގައި ހައްޔަރުކުރެވުނު ބިދޭސީން ވަނީ ޑީޕޯޓްކުރުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކުރެވިފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0