ދޮންފަނުގައި 13 ހެކްޓަރުގެ ބިން ހިއްކުމަށް އެމްޓީސީސީއާއި ހަވާލުކޮށްފި

ބ. ދޮންފަނުގައި 13 ހެކްޓަރުގެ ބިން ހިއްކުމާއި ބަނދަރު ނެރު ބަދަލުކުރުމުގެ މަސައްކަތް މިއަދު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
މި މަސައްކަތް ހަވާލުކުރުމަށް ސޮއިކުރެވުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ރަށަށް ކުރެއްވި ދަތުރުފުޅެއްގައި ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުމުގައެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަހުމަދު ސައުދީއެވެ. މި މަޝްރޫއަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ މަޝްރޫއެކެވެ.
800 އަށްވުރެ ގިނަ އާބާދީއެއް އޮންނަ ދޮންފަނުގައި މިހާރު ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް މި މަޝްރޫއު ވަރަށް ބޮޑަށް މުހިންމުވެފައިވެއެވެ. ރަށުގެ ރައްޔިތުން ފާހަގަކުރާ ގޮތުގައި އެންމެ ފަހުން ގޯތި ދޫކުރެވިފައިވަނީ 2011 ވަނަ އަހަރު ހިސާބުގައެވެ. "މިހާރު އޮތީ 30 ނުވަތަ 40 ވަރަކަށް ގޯތި ދެން ދޫކުރެވެން ލޭންޑްޔޫޒް ޕްލޭންގައިވާ ގޮތުން. އެކަމަކު އެއަށްވުރެ ގިނަ މީހުން ގޯތި ބޭނުންވެފައި އެބަ ތިބި،" ރަށުގެ ރައްޔިތެއް މިކަން ފާހަގަކުރިއެވެ.
މި މަޝްރޫއުގެ ދަށުން 17.5 ހެކްޓަރުގެ ސަރަހައްދެއް އޮތް ދޮންފަނުގައި އިތުރު 13 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މިއާއެކު ރަށުގެ ބޮޑުމިން ގާތްގަނޑަކަށް ދެގުނައަށް އިތުރުވެގެންދާނެއެވެ. ރައީސް މުއިއްޒު ވިދާޅުވެފައިވަނީ މި މަޝްރޫއުގެ އަމަލީ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ދޮންފަނުގެ އިތުރުން ބ. އަތޮޅުގެ ހިތާދޫ އަދި ކެންދޫގެ ބިން ހިއްކުމުގެ މަސައްކަތްވެސް މިއަދު ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ. މިއީ އެ ސަރަހައްދުގެ ރަށްތަކުގެ ތަރައްޤީއަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.
ރިއެކްޓް



