ޚަބަރު

މިފްކޯއިން އެންސިސްގެ މަސް ކާރުހާނާ ގަންނަނީ

އޮގަސްޓް 10, 2025 - 09:05
 0
މިފްކޯއިން އެންސިސްގެ މަސް ކާރުހާނާ ގަންނަނީ

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން، ހުޅުމާލޭގައި ހުންނަ އެންސިސް ފިޝަރީޒްގެ މަސް ކާރުހާނާ ގަތުމަށް މަޝްވަރާތައް ފަށައިފިއެވެ.

މިފްކޯއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އެންސިސްގެ ޕްރޮސެސިން ކެޕޭސިޓީ ލިބިގަތުމަށްޓަކައި ދިރާސާތައް ނިންމުމަށްފަހު އެ ކުންފުންޏާއެކު މަޝްވަރާތައް ކުރަމުންދާ ކަމަށެވެ.

ޖަރުމަނުވިލާތުގެ ޑިވެލޮޕްމަންޓް ބޭންކުން 25 މިލިއަން ޑޮލަރަށްވުރެ ބޮޑު އަދަދެއްގެ ލޯނު ނަގައިގެން 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ހުޅުވި އެންސިސްގެ މަސް ކާރުހާނާ ވަނީ 2023 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން ބަންދުކޮށްފައެވެ.

މި ކާރުހާނާ ބަންދުކުރި ސަބަބެއްގެ ގޮތުގައި އެންސިސްއިން ބުނެފައިވަނީ، ރިޔާސީ އިންތިޚާބާ ދިމާކޮށް އެމްޑީޕީ ސަރުކާރުން މަހުގެ އަގު 17 ރުފިޔާއިން 25 ރުފިޔާއަށް ކުއްލިއަކަށް ބޮޑުކުރުމުން، އެ އަގުގައި މަސް ގަނެގެން ފައިދާއާއެކު ކާރުހާނާ ހިންގުމަކީ ކުރެވޭނެ ކަމަކަށް ނުވާތީއެވެ.

އެންސިސްގެ މަސް ކާރުހާނާއަކީ ދުވާލަކު 25 ޓަނުގެ މަސް ދަޅުގައި ބަންދުކުރުމުގެ ޤާބިލުކަން ލިބިފައިވާ ތަނެކެވެ. މި ކާރުހާނާއިން ދިޔައީ ތަފާތު ވައްތަރުތަކުގެ މަސް ދަޅު އުފައްދައި، ބޭރުގެ މާކެޓުތަކަށް ވިއްކަމުންނެވެ.

މި ފެކްޓަރީގައި މަސް ބަންދުކުރުމުގެ އިތުރުން، 1،200 ޓަނުގެ އައިސް ކޯލްޑް ސްޓޯރޭޖަކާއި، 100 ޓަނުގެ އައިސްޕްލާންޓެއް ވެސް ޤާއިމުކޮށްފައިވެއެވެ. އަދި މަހުން އުކާލެވޭ ބައިތައް ބޭނުންކޮށްގެން ގަސްކާނާ އުފެއްދުމަށް ފިޝްމީލް ޕްލާންޓެއްވެސް މި ފެކްޓަރީގައި ޤާއިމުކޮށްފައިވެއެވެ.

މިފްކޯއިން ބުނެފައިވާ ގޮތުގައި، ފަހުގެ މެޝިނަރީ އާއި އާލާތްތަކާއެކު އިންވެސްޓްކޮށްފައިވާ، އަދި މިހާރު ދޮޅު އަހަރަށްވުރެ ގިނަ ދުވަސްވަންދެން ހުއްޓިފައި އޮތް މި ކާރުހާނާގެ ޕްރޮސެސިން ކެޕޭސިޓީ ލިބިގަތުމަށްޓަކައި އެންސިސްއާއެކު މަޝްވަރާތައް މިހާރު ދަނީ ކުރެވެމުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0