ޣައްޒާ ހިފަން އިސްރާއީލުން ނިންމި ނިންމުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

އިސްރާއީލުން މުޅި ޣައްޒާ ހިފަން ނިންމި ނިންމުން ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
މި ނިންމުމަކީ ބައިނަލްއަގްވާމީ ގާނޫނާ މުޅިން ހިލާފު ކަމެއްކަމަށް ދިވެހި ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޣައްޒާ ސިޓީގެ އަސްކަރީ ކޮންޓްރޯލް ނެގުމަށް ރާވާ ކަމަށް ހާމަކުރައްވާފައެވެ. މިއަދު ބޭއްވި ސެކިއުރިޓީ ކެބިނެޓްގެ ބައްދަލުވުމަކަށްފަހު، ނަތަންޔާހޫގެ އޮފީހުން ވަނީ ޣައްޒާ ސިޓީ ހިފުމުގެ ޕްލޭނަށް ހުއްދަ ދީފައިވާކަން ކަށަވަރުކޮށްދީފައެވެ.
މިކަމާ ގުޅިގެން ދިވެހި ސަރުކާރުގެ ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި ވިދާޅުވެފައިވަނީ، "އިސްރާއީލުގެ މި ނިންމުމަކީ ފަލަސްތީނުގެ އަމިއްލަ ވެރިކަން ހިންގުމަށް އެޅޭ ހުރަހަކާއި، ފަލަސްތީނުގެ ސިޔާދަތީ ބާރަށް އަރައިގަތުމެއް" ކަމުގައެވެ.
ދިވެހި ސަރުކާރުން ވަނީ ބައިނަލްއަގްވާމީ މުޖުތަމައުއަށް އިސްރާއީލުގެ މި ނިންމުން ތަންފީޒު ކުރަން ހުއްޓުވުމަށް އިސްރާއީލަށް މަޖުބޫރު ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ގޮވާލައްވާފައެވެ. އަދި އިސްރާއީލުން ފަލަސްތީނުގައި ހިންގާ އަނިޔާވެރި އަމަލުތައް ވަގުތުން ހުއްޓުވައި، އިސްރާއީލު ޖަވާބުދާރީ ކުރުވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމަށްވެސް ގޮވާލާފައިވެއެވެ.
ދިވެހިރާއްޖެއިން ދެކޭގޮތުގައި މި ހަމަނުޖެހުމަށް ދެމެހެއްޓެނިވި އަދި ޢަދުލުވެރި، ޞުލްޙަވެރި ޙައްލެއް ލިބޭނީ 1967 ގެ ކުރީގެ ސަރަޙައްދުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި މުސްތަގިއްލު ފަލަސްތީނު ދައުލަތެއް ގާއިމްކުރެވިގެންނެވެ. އަދި ފަލަސްތީނުގެ ރައްޔިތުން މިނިވަން، މުސްތަގިއްލު ދައުލަތެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތްތަކަށް ރާއްޖެއިން އަބަދުވެސް ތާއީދުކުރާކަން ފާހަގަކޮށްފައިވެއެވެ.
ރިއެކްޓް



