އެފްޑީސީން 640 ފަރާތަކާއެކު ފްލެޓު އެއްބަސްވުމުގައި ސޮއިކޮށްފި

ހުޅުމާލޭގައި އިމާރާތްކުރަމުންދާ 4،000 ފްލެޓުގެ ތެރެއިން ފްލެޓް ލިބޭ 640 ފަރާތަކާއެކު އެއްބަސްވުން ހަދާފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިއަދު ހާމަކޮށްފިއެވެ.
އެފްޑީސީން މައުލޫމާތު ދެއްވިގޮތުގައި، މިހާތަނަށް ތާވަލުކުރެވުނު 667 އެއްބަސްވުމުގެ ތެރެއިން 640 އެއްބަސްވުމުގައި ވަނީ ސޮއިކުރެވިފައެވެ. މިއީ މުޅި މަޝްރޫއުގެ 16 ޕަސެންޓަށް އަރާ އަދަދެކެވެ. ފްލެޓް އެއްބަސްވުން ހެދުމަށް ހައުސިން މިނިސްޓްރީން އެފްޑީސީއަށް ޖުމްލަ 2،665 ފަރާތެއްގެ ނަން ވަނީ ފޮނުވާފައެވެ.
އެފްޑީސީން ބުނާގޮތުގައި، "ކުންފުނީގެ އަމާޒަކީ ހައުސިންގ ޔުނިޓު ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އިތުރަށް ހަލުވިކޮށް، ދުވާލެއްގެ މައްޗަށް އެއްބަސްވުންތަކުގައި ސޮއިކުރެވޭ މިންވަރު އިތުރުކުރުން" ކަމަށް ވެއެވެ.
މި ފްލެޓުތަކުގެ މަސައްކަތް ފެށިފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައެވެ. މަޝްރޫއުގެ ކޮންޓްރެކްޓަރުންގެ ގޮތުގައި ހަރަކާތްތެރިވަނީ އިންޑިއާގެ ދެ ކުންފުންޏެއް ކަމަށްވާ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއި ނެޝަނަލް ބިލްޑިންގްސް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެންބީސީސީ) އެވެ.
މި މަޝްރޫއުގައި ޖުމްލަ 32 ޓަވަރު ހިމެނެއެވެ. މީގެ ތެރެއިން 16 ޓަވަރުގެ މަސައްކަތް ކުރަނީ އެންބީސީސީން އަދި އަނެއް 16 ޓަވަރުގެ މަސައްކަތް ކުރަނީ ޖޭއެމްސީންނެވެ. މި ޓަވަރުތަކުގައި ހިމެނެނީ 900 އަކަފޫޓުގެ ތިން ކޮޓަރީގެ 2،800 އެޕާޓްމަންޓާއި، 650 އަކަފޫޓުގެ ދެ ކޮޓަރީގެ 1،200 އެޕާޓްމަންޓެވެ.
ރިއެކްޓް



