ރާއްޖެ އާއި ސިންގަޕޫރާއި ދެމެދު ވަނީ ފައިދާކުރުވަނިވި ގުޅުމެއް - ރައީސް

ރާއްޖެއާއި ސިންގަޕޫރުގެ ގުޅުންވަނީ އިތުބާރުހުރި ފައިދާކުރުނިވި ގުޅުމަކަށް ބަދަލުވެފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވެފައިވަނީ ސިންގަޕޫރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް މުއިއްޒު އެ ޕޯސްޓުގައި ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމް އަދި ބޮޑުވަޒީރު ލޯރެންސް ވޮންގް އަދި ރައްޔިތުންނަށް ސިންގަޕޫރުގެ ގައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވާފައިވެއެވެ. އަދި "ސުލްހަ މަސަލަސްކަމާއި ފާގަތިކަމަކީ ސިންގަޕޫރުގެ ކުރިއެރުމުގެ މުހިންމު ސިފައެއް" ކަމުގައި ފާހަގަކުރައްވައި، އެގޮތުގައި އަބަދުވެސް ދެމިއޮތުމަށް އެދިވަޑައިގެންފައިވެއެވެ.
ފާހަގަކޮށްލެވޭ ކަމަކީ ރައީސް މުއިއްޒު ވަރަށް ފަހުން ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް އެ ގައުމަށް ރަސްމީ ދަތުރުފުޅެއް ކުރެއްވި ކަމެވެ. މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަތީ ފެންވަރުގެ ގިނަ މަޝްވަރާތަކެއް ކުރެވުނެވެ.
ރައީސްގެ އެ ދަތުރުފުޅުގައި ސިންގަޕޫރާއެކު މުހިންމު ތިން ދާއިރާއަކުން އެއްބަސްވުންތަކުގައި ސޮއިކުރެވުނެވެ. މީގެ އިތުރުން ރާއްޖެ-ސިންގަޕޫރު ބިޒްނަސް ފޯރަމެއް ބޭއްވުނު އިރު، މި ފޯރަމްގައި ދެ ގައުމުގެ 200 އަށްވުރެ ގިނަ ވިޔަފާރިވެރިން ބައިވެރިވިއެވެ.
މި ހުރިހާ ކަމަކީވެސް ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާވެ، އިތުބާރު ބޮޑު، ފައިދާކުރަނިވި ގުޅުމަކަށް ބަދަލުވެފައިވާކަން ހާމަކޮށްދޭ ކަންކަމެވެ.
ރިއެކްޓް



