ޚަބަރު

ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް އޭދަފުށީގައި ޕާސްޕޯޓުގެ ޚިދުމަތް ފަށައިފި

އޮގަސްޓް 12, 2025 - 11:25
 0
ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް އޭދަފުށީގައި ޕާސްޕޯޓުގެ ޚިދުމަތް ފަށައިފި
ރައީސް ޑރ. މުޙައްމަދު މުޢިއްޒު އޭދަފުށީގައި އިމިގްރޭޝަންގެ އޮފީސް ހުޅުވައިދެއްވަނީ-- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންނެވި ވަޢުދުފުޅާ އެއްގޮތަށް، ބ. އަތޮޅުގެ ވެރިކަން ކުރާ ރަށް އޭދަފުށީގައި ޕާސްޕޯޓު ހެދުމުގެ ޚިދުމަތް މިއަދު ފައްޓަވައިދެއްވައިފިއެވެ.

މި ޚިދުމަތް ފެށުމަށްޓަކައި އޭދަފުށީގައި ޤާއިމުކުރެވުނު އިމިގްރޭޝަންގެ އޮފީސް ހުޅުވައިދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ.

މި ޚިދުމަތް ފެށިގެން ދިޔައީ ރައީސް ބ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އޭދަފުއްޓަށް ކުރެއްވި ޒިޔާރަތުގައެވެ. އޭދަފުށީގައި ޤާއިމުކުރެވުނު އިމިގްރޭޝަންގެ އައު އޮފީހުން ހެއްދި ފުރަތަމަ ޕާސްޕޯޓު ދޫކުރެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާނެވެ.

ރާއްޖޭގެ ހުރިހާ އަތޮޅަކުން ޕާސްޕޯޓު ހެއްދުމުގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމަށް ރައީސް ވެވަޑައިގެންފައިވާ ވަޢުދު ފުއްދުމަށް ސަރުކާރުން ދަނީ ބޮޑު މަޝްރޫޢުއެއް ކުރިއަށް ގެންދަވަމުންނެވެ. މި މަޝްރޫޢުގެ ދަށުން މިހާރުވެސް ބައެއް އަތޮޅުތަކުގައި ޕާސްޕޯޓު ހެދުމުގެ ޚިދުމަތް ވަނީ ޤާއިމުކުރެވިފައެވެ. އަދި އިތުރު އަތޮޅުތަކުގައި މި ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.

ސަރުކާރުގެ އަސާސީ ޚިދުމަތްތައް ވީހާވެސް ބޮޑަށް ލާމަރުކަޒީ އުސޫލުން ފޯރުކޮށްދިނުމަށް ސަރުކާރުން ދަނީ އެތައް ޚިދުމަތެއް އެކި އަތޮޅުތަކުގައި ދިނުމުގެ މަސައްކަތް ފަށާފައެވެ.  މި މަސައްކަތުގެ ތެރެއިން ޕާސްޕޯޓު ހެދުމުގެ ޚިދުމަތުގެ އިތުރުން އައިޑީ ކާޑު ހެދުމުގެ ޚިދުމަތްވެސް އަތޮޅުތަކުގައި ޤާއިމުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރައްވަމުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0