އުރީދޫއިން ޢުމްރާވެރިންނަށް ޚާއްސަ "އަގުބޮޑު" ޕެކޭޖެއް

އުރީދޫ އިން ރާއްޖޭގެ ޢުމްރާވެރިންނަށް ޚާއްސަކޮށްގެން "އަގުބޮޑު" އީސިމް ޕެކޭޖެއް ތަޢާރަފުކޮށްފިއެވެ.
އުރީދޫ އިން ތަޢާރަފުކުރި ޕެކޭޖަކީ ޢުމްރާވެރިންނަށް 800ރ އަށް 8ޖީބީ ރޯމިންގ ޑޭޓާ ލިބޭ "ޓްރެވެލް ސިމް" ޕެކޭޖެކެވެ. މި ސިމުގެ މުއްދަތަކީ 30 ދުވަހެވެ.
އޫރިދޫއިން މި ތަޢާރަފުކުރި ޕެކޭޖާއި ގުޅިގެން އެތައް ބަޔަކު ދަނީ ސޯޝަލްމީޑިއާގައި މިއީ ސަޢޫދީއަރަބިއްޔާގައި އީ-ސިމް ލިބޭ އަގުތަކަށް ވުރެ މާބޮޑު އަގުތަކެއް ކަަމަށް ބުނެ ފާޑުކިޔަމުންނެވެ.
މިގޮތުން ސޯޝަލްމީޑިއާގައި ޚިޔާލު ފާޅުކުރި ބައެއް ފަރާތްތަކުން ވަނީ އުރީދޫގެ ޕެކޭޖު ނުނެގުމަށާއި މައްކާގެ ހަރަމްފުޅު ކައިރިން މާ އަގުހެޔޮކޮށް އީ-ސިމް ލިބޭ ކަމަށް ބުނެފައެވެ.
"290 ރުފިޔާއަށް 22ޖީބީ ލިބޭ ސައުދީގަ" އަދި "ރާއްޖޭގެ 275ރ އަަށް 22ޖީބީ ލިބޭ އެކޮޅުން" މިއީ އުރީދޫގެ ޕެކޭޖަށް ވުރެ މާ ބޮޑަށް އަގުހެޔޮކޮށް ސަޢޫދީ ޢަރަބިއްޔާއިން އީ-ސިމް ލިބޭކަމަށް ބުނެ ބައެއް ފަރާތްތަކުން ފާޅުކޮށްފައި ހުރި ޚިޔާލެވެ.
ސަޢޫދީ އަރަބިއްޔާގައި އީސިމް ޚިދުމަތްދޭ ބައެއް ކުންފުނިތަކުގެ އަގުތަކަށް ބަލާލާއިރު, އަގުބޮޑު ކުންފުނިތަކުންވެސް30 ދުވަހަށް 20ޖީބީ 560ރ އަދި 650ރ އަށް އީ-ސިމް ލިބެއެވެ. މިއީ އުރީދޫއިން 8ޖީބީ ވިއްކާ އަގަށްވުރެ މާ ކުޑަ އަގެކެވެ.
އުރީދޫއިން ތަޢާރަފުކޮށްފައިވާ ޕެކޭޖުގައި އުމްރާވެރިންނަށް 1 ޖީބީ ޑޭޓާ ޖެހެނީ 100ރ އަށެވެ.
ރިއެކްޓް



