އެއްހާހަށްވުރެ ގިނަ ފަރާތަކާއެކު ފްލެޓު އެއްބަސްވުން ހަދައިފި

ހުޅުމާލޭގައި އިމާރާތްކުރަމުންދާ 4،000 ފްލެޓުގެ ތެރެއިން 1،200 އަށްވުރެ ގިނަ ފަރާތަކާއެކު އެއްބަސްވުން ހަދާފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިއަދު ހާމަކޮށްފިއެވެ.
އެފްޑީސީން މައުލޫމާތު ދެއްވިގޮތުގައި މިހާތަނަށް ތާވަލު ކުރެވިފައިވަނީ 1،530 އެއްބަސްވުމެވެ. އޭގެ ތެރެއިން 1،202 އެއްބަސްވުމުގައި ވަނީ ސޮއިކުރެވިފައެވެ. ފްލެޓް ލިބޭ ފަރާތްތަކާއެކު އެއްބަސްވުން ހެދުމުގެ އެންމެހާ މުއާމަލާތްތައް ކުރިއަށް ގެންދަނީ އެފްޑީސީންނެވެ.
އެ ކުންފުނިން ފާހަގަކުރި ގޮތުގައި، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހައުސިންގ ޔުނިޓު ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އިތުރަށް ހަލުވިކުރުމަށް މަސައްކަތް ކުރަމުންދެއެވެ. އެފްޑީސީގެ އަމާޒަކީ ދުވާލެއްގެ މައްޗަށް އެއްބަސްވުންތަކުގައި ސޮއިކުރެވޭ މިންވަރު އިތުރުކުރުމެވެ.
މި މަޝްރޫއުގެ މަސައްކަތް ކުރިއަށްދަނީ އިންޑިއާގެ ދެ ކުންފުންޏެއް ކަމަށްވާ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއި ނެޝަނަލް ބިލްޑިންގްސް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެންބީސީސީ) އިންނެވެ. މި މަޝްރޫއުގައި ޖުމުލަ 32 ޓަވަރު ހިމެނޭއިރު، ކޮންމެ ކުންފުންޏަކުން 16 ޓަވަރުގެ މަސައްކަތް ކުރިއަށް ގެންދެއެވެ.
މި މަޝްރޫއުގައި ހިމެނެނީ ތިން ކޮޓަރީގެ 2،800 އެޕާޓްމަންޓާއި ދެ ކޮޓަރީގެ 1،200 އެޕާޓްމަންޓެވެ. ދެ ކޮޓަރީގެ އެޕާޓްމަންޓްތަކަކީ 650 އަކަފޫޓުގެ ޔުނިޓްތަކެއް ކަމަށްވާއިރު، ތިން ކޮޓަރީގެ އެޕާޓްމަންޓްތަކަކީ 900 އަކަފޫޓުގެ ޔުނިޓްތަކެކެވެ.
ރިއެކްޓް



