ޚަބަރު

ތުރުކީވިލާތުން ހަދިޔާކުރި މަނަވަރު އެމްއެންޑީއެފްއާ ހަވާލުކޮށްފި

އޮގަސްޓް 16, 2025 - 10:00
 0
ތުރުކީވިލާތުން ހަދިޔާކުރި މަނަވަރު އެމްއެންޑީއެފްއާ ހަވާލުކޮށްފި

ތުރުކީވިލާތުން ރާއްޖެއަށް ހަދިޔާ ކުރި މަނަވަރު ރާއްޖޭގެ ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް)އާ މިރޭ ރަސްމީކޮށް ހަވާލުކޮށްފިއެވެ. ހުޅުމާލޭ އެމްޕީއެލް ސަރަހައްދުގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި މި މަނަވަރު ހަވާލުކުރެވުނެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި ދިފާއީ ވަޒީރު މުހައްމަދު ޣައްސާން މައުމޫން އެވެ. ތުރުކީ ވިލާތުގެ ފަރާތުން މި މަނަވަރު ރާއްޖެއަށް ހަވާލުކޮށްދެއްވީ ތުރުކީވިލާތުގެ ފްލީޓް ކޮމާންޑަރު އެޑްމިރަލް ކާދިރު ޔިލްޑިޒް އެވެ. އަދި އެމްއެންޑީއެފްގެ ފަރާތުން މި އުޅަނދާ ހަވާލުވެވަޑައިގެންނެވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީ އެވެ.

ތުރުކީވިލާތުން ހަދިޔާކުރި މި މަނަވަރަކީ އެޑޯގަން-ކްލާސްގެ މިސައިލުން ހަމަލާދިނުމުގެ ގާބިލްކަން ލިބިފައިވާ ޓީސީޖީ ވޮލްކަން (ޕީ-343) މަނަވަރެކެވެ. ޖަރުމަނުވިލާތުގެ ލޫރްސެން ވެރްފްޓް ކުންފުނިން ފަރުމާކޮށްފައިވާ މި އުޅަނދަކީ 20 ވަނަ ގަރުނުގެ ފަހުކޮޅު ތުރުކީވިލާތުގެ ކަނޑުގެ ސިފައިންގެ ގާބިލްކަން އިތުރުކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ އުޅަނދެކެވެ.

ދިފާއީ ވުޒާރާއިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، ތުރުކީވިލާތުން މި މަނަވަރު ރާއްޖެއަށް ހަދިޔާކުރުމަށް ނިންމާފައިވަނީ ރާއްޖޭގެ އަސްކަރީ ގާބިލްކަން އިތުރުކުރުމަށް އެހީތެރިވުމުގެ ގޮތުންނެވެ. އަދި މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މިންނެތް މަސައްކަތްޕުޅުގެ ނަތީޖާއެއް ކަމުގައިވެސް ވުޒާރާއިން ފާހަގަކުރައްވާފައިވެއެވެ.

މި މަނަވަރު ރާއްޖެއަށް ލިބުމާއެކު، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ގާބިލްކަން އިތުރަށް ހަރުދަނާވެގެންދާނެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0