މަސްމާރުކޭޓް ކުއްޔަށްދީފައިވަނީ ބިޑުކޮމިޓީއިން ނިންމި އަގަށްވުރެ 60,000ރ ކުޑަކޮށް

މާލޭ މަސްމާރުކޭޓު ހިންގާ ކުންފުންޏަށް އެތަން ހިންގުން ހަވާލުކޮށްފައި އޮތީ މާލޭ ސިޓީ ކައުންސިލްގެ ބިޑް ކޮމެޓީން ނިންމާފައި އޮތް އަގަށްވުރެ 60,000ރ ކުޑަކޮށްކަން ހާމަވެއްޖެއެވެ.
މަސްމާރުކޭޓު ހިންގަން ހަވާލުކޮށްފައިވާ ފަރާތާއިއެކު ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު ހަމަވެފައިވުމުން އެތަން އަލުން ބިޑަށް ހުޅުވާލުމަށް މާލޭސިޓީ ކައުންސިލުގެ ޢާއްމު ބައްދަލުވުމަށް ހުށަހެޅިފައިވާ މައްސަލައިގައި ވާހަކަދައްކަވަމުން މޭޔަރު ވިދާޅުވީ މަސްމާރުކޭޓު ހިންގާ ފަރާތާއިއެކު މާލެސިޓީ ކައުންސިލުން ހަދާފައި އޮތް އެއްބަސްވުމުގައި ބޮޑެތި މައްސަލަތަކެއް އުޅޭކަން ފާހަގަވެފައިވާކަމަށާއި އެކަމަށް ބާރުދޭ ލިޔެކިޔުންތަކެއްވެސް ފެނިފައިވާ ކަމަށެވެ
އާޒިމް ވިދާޅުވި ގޮތުގައި، 2022 ވަނަ އަހަރު ބިޑް ކޮމެޓީން މަސްމާރުކޭޓު ކުއްޔަށް ދޫކުރަން ކަނޑައަޅާފައި އޮތީ މަހަކު 130،000 ރުފިޔާއަށެވެ. ނަމަވެސް ކައުންސިލް މެންބަރުން ހިމެނޭ އެހެން ކޮމެޓީއަކުން އެ އަދަދު 70،000 ރުފިޔާއަށް ކުޑަކޮށްފައިވާ ކަމަށް މޭޔަރު ފާހަގަކުރެއްވިއެވެ އަދި ބިޑް ކޮމިޓީގެ ނިންމި އަގަށްވުރެ ކުޑަ އަގަކަށް އެގްރީމެންޓް ހެދުމަށް އެހެން ކޮމިޓީއަކުން ނިންމާފައިވާކަމަށް ބުނާ މެމޯއެއް ފެނިފައިވާކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.
"ބިޑް ކޮމެޓީއިން ނިންމާފައި އޮތް ނިންމުމެއް އެހެން ކޮމެޓީއަކުން ބަދަލުކޮށްފައި އޮންނަނީ. އަޅުގަނޑަށް ލީގަލް ލަފާ މި ލިބެނީ އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށް،" މޭޔަރު ވިދާޅުވިއެވެ.
2022 ގައި ކައުންސިލްގެ ޢާއްމު ބައްދަލުވުމެއްގައި ވޯޓުގައި ބައިވެރިވެލެއްވި 10 މެންބަރުންގެ ތެރެއިން 9 މެންބަރެއްގެ ވޯޓުން އޭރު މުއްދަތު ހަމަވާ ކޮންޓްރެކްޓް އިތުރު 1 އަހަރަށް ދަންމާލުމަށް ވަނީ ނިންމާފައެވެ. އެއިރު އެގޮތަށް ނިންމަވާފައިވަނީ މަސްމާރުކޭޓު ތަރައްޤީކުރުމުގެ މަޝްރޫޢު ފެށުމަށް ވަގުތު ކުޑަތަންވެފައި އޮތުމުންކަމަށް އޭރުގެ ކައުންސިލު ބައްދަލުވުމަށް އެ މައްސަލަ ހުށަހަޅުއްވަމުން ރިޔާސަތުން ބުނެފައިވާކަމަށް ޔައުމިއްޔާގައި ބަޔާންކޮށްފައިވެއެވެ. އޭރު މާލޭ ސިޓީކައުންސިލްގެ ޢާއްމު ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓަވަނީ އޭރުގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒުއެވެ.
މި މައްސަލާގައި މާލޭ ސިޓީގެ މެންބަރު ސައިފު ފާތިހު ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައި މިއީ ވަރަށް "ނުރައްކާތެރި ކަމެއް" ކަމަށް ސިފަ ކުރައްވާފައެވެ. ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސައިފް ވިދާޅުވީ ބިޑްކޮމިޓިން ނިންމާފައި އޮތް ނިންމުމެއް އެހެން ގޮތަކަށް ބަދަލުކޮށްލުމުގެ ބާރު އިތުރު ކޮމިޓީއަކަށް ލިބިގެން ނުވާ ކަމަށާއި އެއީ މާލިއްޔަތު ޤަވާއިދާއި ޚިލާފު ކަމެއް ކަމަށެވެ.
"މާލޭގެ ބިމުން ނެރެވޭނެ އެންމެ ރަނގަޅު ވެލިއު ކަނޑައަޅައި ޑިޓާމައިން ކުރަނީ ޕްރޮސެސސްއަކުން. ޕަބްލިކް ފައިނޭންސް ޕްރޮސެސްއަކުން. އެ ޕްރޮސެސްއިން ކަނޑައަޅައި ނިމުނީމަ, "އުނހޫ. އެއެއް ނޫނޭ" ތިމަންނަމެން އެއަށްވުރެ ކުޑަ އަގަކުންނޭ ދޭނީ". އެހެން ނުނިންމެވޭނެ އިނގޭތޯ. އެއީ ސީދާ މާލިއްޔަތު ޤާނޫނާއި ޤަވާއިދާއި ޤަމަލުކުރަމުންދާ އުސޫލުތަކާއި ޚިލާފު ކަމެއް" ސައިފު ވިދާޅުވިއެވެ.
އަދި މީގެ އިތުރުން ސައިފު ވަނީ މޭޔަރު ފާހަގަކުރެއްވި "މެމޯ" ގައި ސޮއިކޮށްފައިވަނީ ކޮން ފަރާތަކުންތޯ ބެލުމަށް ބޭނުންވާކަމަށާއި އެ މެމޯ ބައްލަވާލަން ބޭނުންވާކަން މޭޔަރަށް ދަންނަވާފައެވެ.
އަދި މީގެ އިތުރުން މާރުކޭޓުގެ ކަރަންޓު ބިލަށް އަރާފައިވާ 400،000ރ އަށް ވުރެ ގިނަ ފައިސާ ވެސް ނުދައްކާ ހުރި މައްސަލައަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ސައިފު ވިދާޅުވިއެވެ.
"މި މައްސަލަތައް އަޅުގަނޑު އޭސީސީއަށް ހުށަހަޅާނަން" ވިރާސީއަށް މަޢުލޫމާތުދެމުން ސައިފް ވިދާޅުވިއެވެ.
"ވިރާސީ" އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މަސްމާރުކޭޓު މިހާރު ހިންގަމުން ގެންދަނީ އެތަން ހަވާލުކޮށްފައިވާ ކުންފުންޏަކުން ނޫނެވެ. އެ ކުންފުނިން ވަނީ މާރުކޭޓު ހިންގަން ތިންވަނަ ފަރާތަކާއި ހަވާލުކޮށްފައެވެ. މިއީ މާލޭ ސިޓީ ކައުންސިލާއެކު ވެފައިވާ އެގްރީމެންޓުގައި ހުއްދަކުރާ ކަމެެއްކަން އަދި ސާފެއް ނުވެއެވެ.
ރިއެކްޓް



