ކައުންސިލްތައް ޒިންމާދާރުކުރާ ބިލު ރައީސް ތަސްދީގުކުރައްވައިފި

ލޯކަލް ކައުންސިލްތައް އިހުނަށްވުރެ ޒިންމާދާރުކުރުވުމަށް ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފިއެވެ.
މި ބިލަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ގެނެވުނު 16 ވަނަ އިޞްލާޙެވެ.
މި ބިލު ފާސްކުރެވިފައިވަނީ މިދިޔަ ބުދަ ދުވަހު ބޭއްވުނު 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 22 ވަނަ ޖަލްސާއިންނެވެ. ސަރުކާރުން މި ބިލު ހުށަހެޅުމުގެ މައިގަނޑު މަޤްޞަދަކީ ކައުންސިލްތަކުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުނިތަކުގެ ވިޔަފާރީގެ ހަރަކާތްތައް ހިންގުމުގެ އުސޫލުތައް ކަނޑައެޅުމާއި، ދައުލަތުން ކައުންސިލްތަކަށް ދޭ ހިލޭ އެހީގެ އުސޫލުތައް މުރާޖަޢާކުރުމާއި ކައުންސިލްތަކުގެ މާލީ ޒިންމާދާރުކަން ކަށަވަރުކުރުމެވެ.
މި ބިލުގެ މުހިންމު އެއް ބައިގައި ބަޔާންކޮށްފައިވާ ގޮތުން، ކައުންސިލްތަކުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުނިތަކުގެ ވިޔަފާރީގެ މަސައްކަތްތަކުގައި ވަކި ޝަރުތުތަކެއް ފުރިހަމަވާން ޖެހޭނެއެވެ. އަދި ޤާނޫނާ ތަޢާރުޟުވާ ހަރަކާތްތައް، މި އިސްލާހަށް ޢަމަލުކުރަން ފަށާތާ 90 ދުވަހުގެ ތެރޭގައި ހުއްޓާލަންޖެހޭނެއެވެ.
އިތުރު މުހިންމު ބަދަލެއްގެ ގޮތުގައި، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތަކަށް ދޫކޮށްފައިވާ ބިންތަކާއި ޢިމާރާތްތަކުން ކައުންސިލްތަކަށް ކުލި ނެގުން މަނާކުރެވިފައިވެއެވެ. އަދި ކައުންސިލްތަކުގެ އުމުރުގެ ފަހު އަހަރުގައި މުހިންމު މާލީ ނިންމުންތައް ނިންމުމުގައި ޢަމަލުކުރަންޖެހޭ ޚާއްޞަ އުސޫލުތަކެއް ވަނީ ކަނޑައެޅިފައެވެ.
ރިއެކްޓް



