ސިޔާސީ , ޚަބަރު

ޝުޖާޢު ރައީސް ޔާމީނަށް: ގޭގައި ހުރި ޑޮލަރުތައް ބޭންކުތަކަށް ލާންވީ ނޫންތޯ؟

ޖުލައި 16, 2025 - 22:52
ޖުލައި 16, 2025 - 22:54
 0
ޝުޖާޢު ރައީސް ޔާމީނަށް: ގޭގައި ހުރި ޑޮލަރުތައް ބޭންކުތަކަށް ލާންވީ ނޫންތޯ؟
ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢު -- ފޮޓޯ: ޕީޕަލްސް ނެޝަނަލް ކޮންގްރެސް

ރައީސް ޔާމީންގެ ގޭގައިހުރި ޑޮލަރުތައް ބޭންކުތަކަށް ލާންވީ ނޫންތޯ އައްސަވައި ޕީއެންސީގެ ސީނިއަރ ޑެޕިއުޓީ ޕީޖީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢު ރައީސް ޔާމީނަށް ބަހުގެ ހަމަލާއެއް ދެއްވައިފިއެވެ.

މިރޭ ބޭއްވި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޝުޖާ ވިދާޅުވީ މިހާރަކަށް އައިސް ޑޮލަރުގެ ވާހަކަ އެންމެ ގިނައިން ދައްކަވާ އެއްބޭފުޅަކީ ރައީސް ޔާމީން ކަމަށާއި ރައީސް ޔާމީންގެ ގޭގައި ހުރި ޑޮލަރުތައް ބޭންކުތަކަށް ޖަމާކުރުމުން ޑޮލަރުގެ މައްސަލަ ހައްލުވެގެންދާނެ ކަމަށެވެ.

"މި ވާހަކަ ގިނައިން މިހާރަކަށް އައިސް ރައީސް ޔާމީން މި ދައްކަނީ. އަޅުގަނޑު މި ރޭ ދަންނަވާލަން ބޭނުން. ރައީސް ޔާމީން ގޭތެރޭގައި ހުރި ޑޮލަރުކޮޅު ލާންވީ ނޫންހޭ ބެންކުތަކަށް. މިކަން ހައްލު ވާނޭ އޭރުން" ރައީސް ޔާމީން  ޕީއެންއެފް ފްރޮންޓް އޮފީސް ޖަލްސާގައި ދައްކަވާ ބައެއް ވާހަކަތަކަށް ރައްދު ދެއްވަމުން ޝުޖާޢު ވިދާޅުވިއެވެ.

ޝުޖާޢު ވަނީ މިރޭގެ ވާހަކަފުޅުގައި ޕީއެންއެފްގެ ޖަލްސާތަކުގައި ދައްކާފައި ހުރި ބައެއް ވާހަކަތަކަށް ރައްދު ދެއްވާފައެވެ. އެގޮތުން ރައީސް ޔާމީންގެ ވެރިކަމުގައި ހިންގާފައި ހުރި ބޮޑެތި ޢުމްރާނީ މަޝްރޫޢުތަކުގެ ކްރެޑިޓް ޕީއެންއެފްގެ މެންބަރުން ހަމައެކަނި ރައީސް ޔާމީނަށް ދެއްވާތީ ޝުޖާޢު ވަނީ އެކަން ހަޤީޤަތުގައި އޮތް ގޮތް ސާފުކޮށްދެއްވާފައެވެ.

"މުސްތަފާ ޓްވީޓުކޮށްފައި ބުނަނީ، އައި .ޖީ.އެމް.އެޗަކީ ރައީސް ޔާމީން. ދަރުމާންތަ ހޮސްޕިޓަލް - ރައީސް ޔާމީން. ސަލްމާން މިސްކިތް - ރައީސް ޔާމީން. އާދެ! އަޅުގަނޑުމެން ވެސް ހިމެނިގެންކަންޖެހޭނީ. ރައީސް ޔާމީން އެކަންޏެއް ނޫން. އަޅުގަނޑުމެން ވެސް ހިމެނޭ ސަރުކާރެއް އެއީ" 2013 އިން 2018 އަށް އޮތް ޕީޕީއެމްގެ ވެރިކަމަކީ ހަމައެކަނި ރައީސް ޔާމީންގެ ވެރިކަމެއް ނޫންކަން ހަނދާންކޮށްދެމުން ޝުޖާޢު ވިދާޅުވިއެވެ.

މިރޭ ބެއްވުނު ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޝުޖާ ވަނީ އިދިކޮޅު އެމްޑިޕީއަށް ވެސް ފާޑުވިދާޅުވެފައެވެ. މިގޮތުން އެމްޑީޕީގެ ވެރިކަން ނިމި ޕީއެންސީން ވެރިކަމާއި ހަވާލުވީއިރު ޤައުމު އޮތް ހާލަތު ޝުޖާޢު ކިޔައިދެއްވީ ހަޤީޤީ މިސާލުތަކާއި އެކުއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 2
ލޯބި ލޯބި 0
މަޖާ މަޖާ 2