ލާމަރުކަޒީ ޤާނޫނަށް ގެނެވުނު އިސްލާހުން ކައުންސިލްތަކަށް އިތުރު ބާރުވެރިކަން ލިބިގެންދާނެ: ރައީސް

ލާމަރުކަޒީ ނިޒާމަށް މިފަހުން ގެނެވުނު ބަދަލުތަކުން ކައުންސިލްތަކަށް އިތުރު ބާރުވެރިކަމާއި ފައިދާ ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ބ. ދަރަވަންދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނަކީ ލާމަރުކަޒީ ނިޒާމުގެ ފުރިހަމަ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެއް ކަމަށާއި، މި ނިޒާމުގެ ތެރެއިން ކަންކަން ކުރަންވީ ގޮތް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށާއި ޤާނޫނަށް ގެނެވުނު ބަދަލާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ހަގީގަތް އޮޅޭގޮތަށް ވާހަކަދައްކަމުންދާ ކަމަށެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި ކައުންސިލް ކުންފުނިތަކުން ރަށްރަށުގައި ހިންގާ ކުދި އަމިއްލަ ވިޔަފާރިތަކަށް ވަނުމަކީ ރަނގަޅުކަމެއް ނޫނެވެ. އަދި އެގޮތުން ކައުންސިލްތައް ވިޔަފާރި ކުރާނަމަ ކުރަންވާނީ 10 މިލިއަން ރުފިޔާއަށްވުރެ ބޮޑެތި އިންވެސްޓްމަންޓް ކަމަށް ރައީސް ވިދާޅުވިއެވެ.
ޤާނޫނަށް ގެނެވުނު އިސްލާހުތަކުގެ ތެރޭގައި، އާންމު ޚިދުމަތްތައް ދިނުމަށް ދޫކުރާ ބިންތަކުން ކުލި ނެގުން ހުއްޓުވުމުގެ އިސްލާހު ހިމެނެއެވެ. މިކަމާ ގުޅޭގޮތުން ރައީސް ވިދާޅުވީ، މިހާރު ފެނާއި ކަރަންޓު ފަދަ އަސާސީ ޚިދުމަތްތަކަށް ދޫކުރާ ބިންތަކުން ނަގަމުންދަނީ ވަރަށް ބޮޑު ކުއްޔެއް ކަމަށާއި، މިކަމުގެ ސަބަބުން ރައްޔިތުންނަށް ދެވޭ އަސާސީ ޚިދުމަތްތަކުގެ އަގު އިންތިހާއަށް ބޮޑުވެގެންދާ ކަމަށެވެ.
އަދި ބިން ދޫކުރުމާއި މުވައްޒަފުން ނެގުމުގައި ފިނޭންސް މިނިސްޓްރީއާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ބަދަލުކުރެވިފައިވަނީ، ބައެއް ކައުންސިލްތަކުން ސިޔާސީ ބޭނުމަށް އިންތިޚާބާ ދިމާކޮށް ރަށްރަށުގެ ބިންތައް ދޫކޮށް، ގިނަ އަދަދަކަށް މުވައްޒަފުން ނަގަމުންދާތީ، އެކަން ހުއްޓުވުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.
ރިއެކްޓް



