ޚަބަރު

ސަރުކާރުން ގައުމީ ނިއުސް އެޖެންސީއެއް އުފައްދަނީ

އޮގަސްޓް 7, 2025 - 14:00
 0
ސަރުކާރުން ގައުމީ ނިއުސް އެޖެންސީއެއް އުފައްދަނީ

ގައުމީ ނިއުސް އެޖެންސީއެއް އުފެއްދުމަށްޓަކައި، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އާ ދެމެދު މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އިބްރާހީމް ވަހީދު އެވެ. އަދި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަސްރީން އެވެ.

ޔޫތު މިނިސްޓްރީން މައުލޫމާތު ދެއްވި ގޮތުގައި، މި އެއްބަސްވުމުގެ ދަށުން ގާއިމްކުރެވޭ ނިއުސް އޭޖެންސީގެ ތެރެއިން މީޑިއާތަކަށް ބޭނުންވާ ޚަބަރާއި މައުލޫމާތު ޑިޖިޓަލް ޕޯޓަލްއެއްގެ ތެރެއިން ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ. މި ޚިދުމަތް ރަޖިސްޓްރީކުރާ ފަރާތްތަކަށް، ހަމަޖެހިފައިވާ އުސޫލުތަކުގެ ދަށުން ޚަބަރާއި މައުލޫމާތުގެ އިތުރުން، އެކަމަކާ ގުޅޭ ފޮޓޯއާއި ވީޑިއޯ ވެސް ފަސޭހަކަމާއެކު ލިބޭނެއެވެ.

މި އައު ޕްލެޓްފޯމްގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ޔޫތު މިނިސްޓްރީގެ ސީދާ ބައިވެރިވުން އޮންނާނެކަން ފާހަގަކޮށްފައިވެއެވެ. އަދި "ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިންނާއި، މައުލޫމާތު ލިބިގަތުމުގައި ހުރި ފަސޭހަތައް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ މުހިއްމު އެއް ސިޔާސަތު" ކަމަށް މިނިސްޓްރީން ވަނީ ފާހަގަކުރައްވާފައެވެ.

މިހާރުވެސް ސަރުކާރުގެ މުހިންމު ކަންތައްތަކުގެ މައުލޫމާތާއި ޚަބަރު ފޯރުކޮށްދިނުމަށް 'ސަރުކާރު' ނަމުގައި ނޫހެއް ހިންގަމުންދާއިރު، އެ ނޫހުގައި ސަރުކާރުގެ އެކި މިނިސްޓްރީތަކާ ގުޅޭ ޚަބަރުތައް ޝާއިއުކުރެވެމުންދެއެވެ. މީގެ އިތުރުން، ވަކިވަކި މިނިސްޓްރީތަކާއި އިދާރާތަކުގެ މީޑިއާ ގުރޫޕުތައް މެދުވެރިކޮށްވެސް މައުލޫމާތާއި ފޮޓޯ އަދި ވީޑިއޯ މީޑިއާތަކަށް ފޯރުކޮށްދެމުން ގެންދެއެވެ.

މި އައު ނިއުސް އެޖެންސީ އުފެދުމުން، ސަރުކާރުގެ މައުލޫމާތު ފޯރުކޮށްދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާވެ، މީޑިއާތަކަށް މައުލޫމާތު ހޯދުމަށް ފަސޭހަވެގެންދާނެ ކަމަށް ބެލެވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0