ޚަބަރު

ގެދޮރުވެރިޔާ ސްކީމްގެ ނަމުގައި ފޭކް މެސެޖް ފޮނުވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

އޮގަސްޓް 7, 2025 - 13:16
 0
ގެދޮރުވެރިޔާ ސްކީމްގެ ނަމުގައި ފޭކް މެސެޖް ފޮނުވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

ގެދޮރުވެރިޔާ ސްކީމަށް އަލުން ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިކަމަށް ބުނެ ދައުރުވަމުންދާ މެސެޖަކީ ދޮގު މެސެޖެއްކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސް ކޮށްފިއެވެ.

މި މެސެޖުގައި ކުރިން ހުށަހަޅާފައިވާ ފޯމުތައް ބާޠިލުކޮށް، އަލުން ފޯމު ހުށަހެޅުމުގެ ފުރުސަތު އެޗްޑީސީން ހުޅުވާލައިފިކަމަށް ބުނެ، ވެބްސައިޓް ލިންކެއް ހިމަނާފައިވާކަން ފުލުހުން ފާހަގަކުރެއެވެ.

ނިމިދިޔަ ސަރުކާރުން އިޢުލާންކުރި "ގެދޮރުވެރިޔާ" ބޯހިޔާވަހިކަމުގެ ސްކީމުގެ ދަށުން ދޫކުރަން ނިންމާފައިވާ 4،000 ފްލެޓާ ގުޅޭގޮތުން ދޮގު މަޢުލޫމާތު ފަތުރާ މައްސަލަތައް އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ. މިފަދަ ސްކޭމްތަކުގައި ޖެހި، ގިނަ ބައެއްގެ އަތުން މިހާރުވެސް ވަނީ ފައިސާ ފޭރިގަނެފައެވެ.

ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި އަހަރުގެ ފުރަތަމަ ހަ މަހުގެ ތެރޭގައި ސްކޭމްގެ 1،133 މައްސަލަ ވަނީ ރިޕޯޓުކުރެވިފައެވެ. އެންމެ ގިނަ މައްސަލަ ރިޕޯޓުކުރެވިފައިވަނީ މެއި މަހު ކަމަށްވާއިރު، އެއީ 219 މައްސަލައެވެ. މީގެ ތެރެއިން 651 މައްސަލަ ރިޕޯޓުކުރެވިފައިވަނީ މާލެ ސަރަހައްދުންނެވެ.

ފުލުހުން ވަނީ މިފަދަ ދޮގު މެސެޖުތަކަށް މީހުން އޮޅުވާލައި، ފައިސާ ހޯދުމުގެ މަސައްކަތްކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅަމުންދާ ކަމަށާއި، ރައްޔިތުން މިފަދަ މެސެޖުތަކަށް ސަމާލުވެ، ރަސްމީ ނޫން ގޮތްގޮތުން އަންނަ މެސެޖުތަކަށް އިޖާބަނުދިނުމަށް އިރުޝާދު ދީފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0