ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ފާސްކޮށްފި

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މިއަދު ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.
މި ބިލް ފާސްވެފައިވަނީ 51 މެންބަރުންގެ ވޯޓުން ކަމަށްވާއިރު، ބިލާ ދެކޮޅަށް ވޯޓުދެއްވާފައިވަނީ އެމްޑީޕީގެ 8 މެންބަރުންނެވެ.
ސަރުކާރުގެ ފަރާތުން މި ބިލް މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ހުސައިނެވެ. މި ބިލުގެ މައިގަނޑު މަގްސަދަކީ ކައުންސިލްތަކުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުނިތަކުގެ ވިޔަފާރީގެ ހަރަކާތްތައް ހިންގުމުގެ ދާއިރާ ކަނޑައެޅުމާއި، ދައުލަތުން ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި ފައިސާ ދިނުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް މުރާޖާކުރުމެވެ.
މި އިސްލާހުގެ ދަށުން ގެނެވޭ އެންމެ މުހިންމު އެއް ބަދަލަކީ ކައުންސިލްތަކުގެ އުމުރުގެ ފަހު އަހަރު ނުވަތަ ދައުރު ހަމަވާން އަހަރަކަށްވުރެ ކުރު މުއްދަތެއް އޮތް ހާލަތުގައި، މާލީ ކަންކަމާ ގުޅޭ ބައެއް ނިންމުންތައް ސަރުކާރުގެ ހުއްދަ ނެތި ނުނިންމޭނެ ގޮތަށް ހަމަޖެހިގެން ދިއުމެވެ. މީގެ ތެރޭގައި ދާއިމީ އަދި ކޮންޓްރެކްޓް މުވައްޒަފުން ނެގުމާއި، ބިމާއި ފަޅާއި ފަރުގެ ސަރަހައްދުތައް ކުއްޔަށް ދޫކުރުމާއި، އަދި ޕްލޭންގައި ނުހިމެނޭ އައު ތަރައްގީގެ މަޝްރޫއުތައް ފެށުން ހިމެނެއެވެ.
އިސްލާހު ގެނެވުނު ގާނޫނުގެ ދަށުން ކައުންސިލްތަކުގެ ބޭންކް އެކައުންޓްތައް ހިންގަންޖެހޭނީ ފައިނޭންސް މިނިސްޓްރީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށެވެ. އަދި މިނިސްޓްރީން އެދިއްޖެ ހާލަތެއްގައި ބޭންކް އެކައުންޓްތަކުގެ ސްޓޭޓްމަންޓްތައް ހިއްސާކުރަންޖެހޭނެއެވެ.
މި އިސްލާހުތަކާއެކު ކައުންސިލްތަކުގެ މާލީ މުއާމަލާތްތަކުގެ މައްޗަށް ސަރުކާރުގެ ބާރު އިތުރުވެގެންދާނެ ކަމަށް ފާހަގަކުރެވެއެވެ. ނަމަވެސް މިއީ ކައުންސިލްތަކުގެ މާލީ އިންތިޒާމުތައް ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ސަރުކާރުން ދެކެއެވެ.
ރިއެކްޓް



