ޚަބަރު

އެމްޑީޕީ ހަރުގެއަށް ގެއްލުން ދިން މީހާގެ ބަންދަށް އިތުރު 30 ދުވަސް

އޮގަސްޓް 6, 2025 - 11:44
 0
އެމްޑީޕީ ހަރުގެއަށް ގެއްލުން ދިން މީހާގެ ބަންދަށް އިތުރު 30 ދުވަސް

ޗާންދަނީ މަގުގައި، އިސްކަންދަރު ސްކޫލް ކުރިމަތީގައި ހުންނަ އިދިކޮޅު އެމްޑީޕީގެ ހަރުގެއަށް ގެއްލުން ދިނުމުގެ މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދު މުއްދަތު ކްރިމިނަލް ކޯޓުން 30 ދުވަހަށް އިތުރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މ. ސްޓާ، މުހައްމަދު ރަޒީން (49 އަހަރު) އެވެ. އޭނާގެ ބަންދު މުއްދަތު އިތުރުކުރުމަށް ކްރިމިނަލް ކޯޓުން ނިންމީ މިއަދު ހޯމަ ދުވަހު ބޭއްވި އަޑުއެހުމެއްގައެވެ.

ފުލުހުންގެ ރެކޯޑުތަކުން ދައްކާ ގޮތުގައި ރަޒީނަކީ ކުށުގެ ރެކޯޑު އޮތް މީހެކެވެ. އޭނާ ވަނީ މީގެ ކުރިން މަސްތުވާތަކެއްޗާއި ވައްކަމުގެ އެކި މައްސަލަތަކުގައި ހައްޔަރުކުރެވި، ޖަލު ހުކުމެއް ވެސް ތަންފީޒުކޮށްފައެވެ.

އެންމެ ފަހުން ރަޒީން ހައްޔަރުކޮށްފައިވަނީ މާލޭގައި ހުންނަ ކެފޭއެއްގެ ބިއްލޫރިގަނޑު ތަޅާލި މައްސަލައެއްގައެވެ. މީގެ އިތުރުން، އައިޖީއެމްއެޗްގެ ތެރޭގައި ފުލުހުންގެ ވާޖިބަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ވެސް އޭނާ ވަނީ ހައްޔަރުކުރެވިފައެވެ.

މި މައްސަލައިގައި ތަހުގީގު ކުރިއަށްދާއިރު، އިތުރު މަޢުލޫމާތު ހާމަކުރެވޭނެ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0