ތުޅާދޫން ދޫކުރާ 100 ހައުސިންގް ޔުނިޓްގެ ވަގުތީ ލިސްޓް އާންމުކޮށްފި

ބ. ތުޅާދޫން ދޫކުރުމަށް ހަމަޖެހިފައިވާ 100 ހައުސިންގް ޔުނިޓު ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓު ތުޅާދޫ ކައުންސިލުން މިއަދު އާންމުކޮށްފިއެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އެ ރަށުގައި މިހާރު އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓްގެ ތެރެއިން ތުޅާދޫގެ ރައްޔިތުންނަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 92 ހައުސިންގ ޔުނިޓެވެ. މިއީ ކެޓަގަރީ-އޭ ގެ ދަށުންނެވެ. އަދި ބ. ތުޅާދޫއަށް ދިރިއުޅުން ބަދަލުކުރުމަށް ބޭނުންވާ ފަރާތްތަކަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 8 ހައުސިންގ ޔުނިޓެވެ. މިއީ ކެޓަގަރީ-ބީ ގެ ދަށުންނެވެ.
ކައުންސިލުން މިއަދު ނެރުނު އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ލިސްޓުގައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތާމެދު އެއްވެސް ޝަކުވާއެއް އޮތް ފަރާތްތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މި ފުރުސަތު އޮންނާނީ އޮގަސްޓު 11 ވާ ހޯމަ ދުވަހުގެ 14:00 ގެ ނިޔަލަށެވެ.
ޝަކުވާ ހުށަހެޅުމަށް ކައުންސިލުން ވަނީ ދެ ގޮތެއް ހަމަޖައްސާފައެވެ. އެގޮތުން ސިޓީއާއި އީމެއިލް މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެއެވެ. ނަމަވެސް އަނގަބަހުންނާއި ފޯނުން ހުށަހަޅާ ޝަކުވާތައް ބަލައިނުގަންނާނެ ކަމަށް ކައުންސިލުން ވަނީ ސާފުކޮށް ބަޔާންކޮށްފައެވެ.
ޝަކުވާ ހުށަހަޅާއިރު، ހުށަހަޅާ ފަރާތުގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް، އައިޑީ ކާޑު ނަންބަރު އަދި ގުޅޭނެ ފޯނު ނަންބަރު ފަދަ މައުލޫމާތުތައް ހިމަނަންޖެހޭނެ ކަމަށްވެސް ކައުންސިލުން ވަނީ އަންގާފައެވެ.
ރިއެކްޓް



