ބާރަށުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ 2 މީހަކު ހައްޔަރުކޮށްފި

ހއ. ބާރަށަށް މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރާ ކަމަށް ބެލެވޭ ދެ މީހަކު މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހައްޔަރުކޮށްފިއެވެ.
މި ދެމީހުން ހައްޔަރުކޮށްފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސްއަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައެވެ.
ފުލުހުންގެ އިދާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މަހުގެ ތިން ވަނަ ދުވަހު ބާރަށު ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި، އެރަށުގެ ގެއަކުން ވަނީ 5.96 ގްރާމްގެ މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހި ފެނިފައެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ދެ މީހުންނަކީ ހއ. ބާރަށް / ކަރނޭޝަންވިޔު، އަބްދުﷲ ފަޞީޙް (37 އަހަރު) އާއި ހއ. ބާރަށް / ކަރނޭޝަންވިޔު، އިބްރާހީމް ކަލީމް (34 އަހަރު) އެވެ.
ފުލުހުން ވިދާޅުވި ގޮތުގައި، މި މައްސަލައާ ގުޅިގެން ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އަބްދުﷲ ފަޞީޙް 15 ދުވަހަށް އަދި އިބްރާހީމް ކަލީމް 5 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލައިގެ ތަޙުޤީޤު މިހާރު ކުރިއަށް ގެންދަނީ ބާރަށު ޕޮލިސް ސްޓޭޝަނުން ކަމަށް ފުލުހުންގެ އިދާރާއިން ވަނީ ހާމަކޮށްފައެވެ. މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަށް ފުލުހުން ހިންގާ އޮޕަރޭޝަންތައް އިތުރަށް ހަރުދަނާކުރަމުންދާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ރިއެކްޓް



