ހައިކޯޓުގެ ފަނޑިޔާރުކަމަށް ޖަމީލު މޫސާ ޢައްޔަންކުރައްވައިފި

ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރަކަށް އަލްއުސްތާޛު ޢަބްދުﷲ ޖަމީލު މޫސާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
މިއަދު ބޭއްވުނު ރަސްމިއްޔާތެއްގައި ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކުރެއްވުމަށްފަހު، ހުވާގެ އިޤުރާރުގައި ސޮއިކުރެއްވިއެވެ. އޭނާއަށް މަޤާމުގެ ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ހަމީދެވެ.
ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމު ހުސްވެފައިވަނީ އެ ކޯޓުގެ ފަނޑިޔާރުކަމުގައި ކުރިން ތިއްބެވި އަލްއުސްތާޛު ޢަބްދުﷲ ޙަމީދާއި އަލްއުސްތާޛު މުޙައްމަދު ސަލީމް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަންކުރެއްވުމާ ގުޅިގެންނެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އިން މިދިޔަ މަހުގެ 31 ވަނަ ދުވަހު ވަނީ ޢަބްދުﷲ ޖަމީލު ޢައްޔަންކުރުމަށް ނިންމާފައިވާކަން އިޢުލާންކޮށްފައެވެ.
އަލްއުސްތާޛު ޢަބްދުﷲ ޖަމީލު މޫސާއަކީ ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ވިތު އޮނަރސް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. 15 އަހަރަށްވުރެ ދިގު މުއްދަތަކަށް ފަނޑިޔާރުކަމުގައި ޚިދުމަތްކުރައްވާފައިވާ ޖަމީލް، އެންމެ ފަހުން ހުންނެވީ ސިވިލް ކޯޓުގެ ޤާޟީކަމުގެ މަޤާމުގައެވެ. ފަނޑިޔާރުކަމުގެ މަޤާމުން ވަކިވެވަޑައިގެންނެވުމަށްފަހު، ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރައްވާފައިވެއެވެ.
ހައިކޯޓުން މައްސަލަތައް ބަލައި ނިންމަނީ އޮނަހިރި އަދަދެއްގެ މައްޗަށް އެކުލެވޭ ފަނޑިޔާރުންގެ މަޖިލީހަކުންނެވެ. ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ދަށުން ހައިކޯޓު އެކުލެވިގެންވަނީ އިސްފަނޑިޔާރާއެކު ޖުމްލަ 11 ފަނޑިޔާރުންގެ މައްޗަށެވެ.
ރިއެކްޓް



