ޚަބަރު

މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 10 މީހުން ހައްޔަރުކޮށްފި

އޮގަސްޓް 3, 2025 - 11:06
 0
މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 10 މީހުން ހައްޔަރުކޮށްފި

ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 10 މީހުން ހައްޔަރުކޮށްފިއެވެ.

ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި، ހައްޔަރުކުރެވުނު މީހުންނާ ގުޅުންހުރިކަމަށް ބެލެވޭ މާލޭގެ ދެ ގެއެއް ބަލައި ފާސްކުރެވުނެވެ. މި ބަލައި ފާސްކުރުމުގައި ތިން ފުޅި ބަނގުރަލާއި، 66.92 ގްރާމުގެ މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެހި ފެނިފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ޖުލައި 31 ވަނަ ދުވަހު ހިންގުނު މި އޮޕަރޭޝަނުގައި ހައްޔަރުކުރެވުނު 10 މީހުންގެ ތެރެއިން ހަތް މީހުން ވަނީ ޝަރުތުކުރުމަށްފަހު ދޫކޮށްލާފައެވެ. އެހެންނަމަވެސް، ތިން މީހަކު ވަނީ ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބަހައްޓަން ނިންމާފައެވެ.

މިގޮތުން، ހދ. ނޭކުރެންދޫ / ފްލާވަރހައުސް، ޢާއިޝަތު ފައިޚާ ޠާހާ (19އ) އާއި ނ. މަގޫދޫ / ސާމިޔާނާ، އަކްރަމް މުޙައްމަދު (28އ) ފަސްދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. އަދި ސ. ހުޅުދޫ / ރޯޝަނީމާގެ، އަޙްމަދު ތައިސީރު (27އ) ހަތްދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ވަނީ ކޯޓުން އަމުރުކޮށްފައެވެ.

މި މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށްދާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0