ރައީސްއަށް މަރުގެ އިންޒާރު ދިން މީހާ ދިހަ ދުވަހަށް ބަންދުކޮށްފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަށް މަރާލާނެ ކަމުގެ އިންޒާރު ދިން ތ. ތިމަރަފުށީ މަލަސް، މަސީހު މޫސާ 10 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއިން މައުލޫމާތު ދިން ގޮތުގައި، ރައީސްއަށް ސޯޝަލް މީޑިއާގައި މަރުގެ އިންޒާރު ދިނުމާ ގުޅިގެން މަސީހު މޫސާ ހައްޔަރުކުރުމަށްފަހު، ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން، އޭނާ 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. އަދި މި މައްސަލައިގެ ތަޙުޤީޤަށް ކޯޓު އަމުރެއްގެ ދަށުން އޭނާގެ މޮބައިލް ފޯނު ވެސް ވަނީ ފުލުހުން ހިފަހައްޓާފައެވެ.
މި މައްސަލަ ކުރިމަތިވެފައިވަނީ، މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް ޤާނޫނު އިސްލާހު ކުރުމަށް ކަމާގުޅޭ އިދާރާތަކަށް އަންގަވާފައިވާނެ ކަމަށް ރައީސް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓަކަށް "މަސީހު މޫސާ" ނަމަކަށް ކިޔާ ފޭސްބުކް އެކައުންޓަކުން މަރުގެ އިންޒާރު ދިނުމާ ގުޅިގެންނެވެ.
މީހަކަށް މަރުގެ އިންޒާރު ދިނުމަކީ ޓެރަރިޒަމްގެ ޢަމަލެއްގެ ގޮތުގައި ބެލެވޭނެ ކަމެއް ކަމަށާއި، މިފަދަ މައްސަލަތަކަކީ ޤާނޫނީ ގޮތުން ވަރަށް ބޮޑު ކުށެއްގެ ގޮތުގައި ބެލެވޭ މައްސަލަތަކެވެ. މިފަދަ މައްސަލަތަކުގައި ތުހުމަތުކުރެވޭ ފަރާތްތަކަށް އެންމެ މަތީ އަދަބެއްގެ ގޮތުގައި 20 އަހަރަށްވުރެ ދިގު މުއްދަތަކަށް ޖަލަށްލުން ހިމެނެއެވެ.
ރިއެކްޓް



