ދުނިޔެ

ކެނެޑާއިން ފަލަސްޠީން ބަލައިގަންނަން ނިންމައިފި

އޮގަސްޓް 1, 2025 - 09:31
 0
ކެނެޑާއިން ފަލަސްޠީން ބަލައިގަންނަން ނިންމައިފި
ފޮޓޯ: ސީއެންއެން

އިޒްރޭލުގެ ޔަހޫދީން ހިންގަމުންދާ ނަސްލު ހޭދަ ކުރުމުގެ ޖަރީމާތައް ހުއްޓުވުމަށް ޔަހޫދީންގެ ދަޢުލަތަށް އިތުރު ފިއްތުންތަކެއް ކުރިމަތިކުރުމުގެ ގޮތުން، ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަންނާނެ ކަމަށް ކެނެޑާގެ ބޮޑުވަޒީރު މާކް ކާނޭ އިޢުލާނުކުރައްވައިފިއެވެ.

ކެނެޑާގެ ބޮޑުވަޒީރު މިފަދައިން ވިދާޅުވެފައިވަނީ، ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތުން ވެސް ހަމަ މިފަދަ ނިންމުމެއް ނިންމާފައިވަނިކޮށެވެ.

ކެނެޑާގެ މި ނިންމުން ބިނާވެފައިވަނީ، ޙަމާސް ޖަމާޢަތުގެ ބައިވެރިވުން ނޯންނަ ގޮތަށް، ފަލަސްޠީނުގައި އަންނަ އަހަރު އާންމު އިންތިޚާބެއް ބާއްވާނެކަމަށް ޕަލަސްޓިނިއަން އޮތޯރިޓީން ދީފައިވާ ޔަޤީންކަމުގެ މައްޗަށެވެ. ކެނެޑާގެ ފަހަތުން، މަލްޓާގެ ބޮޑުވަޒީރު ރޮބަރޓް އަބެލާ ވެސް ވަނީ އދ.ގެ އާންމު މަޖިލީހުގައި ފަލަސްޠީނަކީ މިނިވަން ދަޢުލަތެއް ކަމަށް ބަލައިގަންނާނެކަމަށް އިޢުލާނުކުރައްވައިފައެވެ.

ޣައްޒާއަށް ކުރިމަތިވެފައިވާ ބަނޑުހައިހޫނުކަމުގެ ޙާލަތުގެ ސަބަބުން ޔަހޫދީންނަށް މިހާރު ވެސް ދަނީ ބައިނަލްއަޤްވާމީ ފިއްތުންތައް ކުރިމަތިވަމުންނެވެ. ޖުލައި 27 އިން ފެށިގެން އެހީގެ ސާމާނު އެތެރެކުރުމަށް ފުރުޞަތު ދޭނެ ކަމަށް ޔަހޫދީން ބުނި ނަމަވެސް، ޑަބްލިޔުއެފްޕީން ބުނާ ގޮތުގައި އެ ޖަމުޢިއްޔާއަށް އަދިވެސް ބޭނުންވާ ހުއްދަތައް ނުލިބެއެވެ.

އޮކްޓޯބަރު 7 ގައި ޙަމާސް ޖަމާޢަތުން ދިން ޙަމަލާއަކާ ގުޅިގެން ފެށުނު ޔަހޫދީންގެ ހަނގުރާމައިގައި، ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޤަތުލުޢާންމެއް ފަށާފައިވާއިރު، ބަނޑުހައިހޫނުކަމުގެ ސަބަބުން މަރުވަމުންދާ މީހުންގެ ޢަދަދު ވެސް ދަނީ ބޮޑުތަނުން އިތުރުވަމުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0